ތުންފަތް ފަޅައިގެން ދިއުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ ކަމަކަށް ވާއިރު އެއީ ކީއްވެގެންވާ ކަމެއްތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ.

ރާއްޖެ ފަދަ ހޫނު ގަދަ ގައުމެއްގައި ދިރިއުޅޭއިރު ތުންފަތް ހިކި ފަޅައިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އާންމުކޮށް ތުންފަން ފަޅައިގެންދާ ސަބަބުތަކެވެ.

މާ ކުޅި އަދި މާ ލޮނުގަދަ ކާއެއްޗެހި ކެއުން

ލޮނަކީ ފެން ދަމައިގަންނަ އެއްޗެކެވެ. ލޮނު ގަދަކޮށް ކެއުމުން ތުންފަތުގައި ހުންނަ ފެންތައް ދަމަގަނެ ތުންފަތް ހިކެ އެވެ. ކުޅިކޮށް ކެއުމުން ވެސް ތުންފަތް ހިރުވައި، ހިކުމަށް މެދުވެރިވެ އެވެ.

މާ ގިނައިން ތުންފަތުގައި ކުޅުލުން

ތުންފަތް ހިކޭނަމަ ކުރެވޭނެ އެންމެ ގޯސް ކަމަކީ ތުންފަތުގައި ކުޅުލުމެވެ. ކުޅަކީ ތުންފަތް އިތުރަށް ހިއްކާލާ އެއްޗެކެވެ. އޭގެ ބަދަލުގައި ލިޕް މޮއިސްޗަރައިޒާއެއް ބޭނުންކުރާށެވެ.

ސަން ބާން

ތުންފަތަކީ ވެސް ސަން ބާންވާ އެއްޗެކެވެ. ތުންފަތް އެނދުމުން ހިކި ހަންފޮޅުމަށް މެދުވެރިވެ އެވެ. މި ކަމުން ރައްކާތެރިވުމަށް ތުންފަތުގައި ވެސް ސަންސްކްރީން ހޭކުމަށް އާދަކުރާށެވެ.

ޑީހައިޑްރޭޝަން

މާ މަދުން ފެންބޯނަމަ ތުންފަތް ހިކޭނެ އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ހޫނުގަދަ ގައުމެއްގައި ދިރި އުޅޭއިރު، ގިނައިން ފެން ބޯން އާދަކުރާށެވެ.

ބޭހެއްގެ ސަބަބުން

ބައެއް ބޭސްތަކުގެ ސައިޑް އެފެކްޓަކީ ތުންފަތް ހިކުމެވެ. ހާއްސަކޮށް ހަމުގެ މައްސަލަތަކަށް ކާ ބޭސް އަދި އެންޓިބައޮޓިކްސްއަކީ ތުންފަތް ހިއްކާލާ ބޭސްތަކެވެ. ތުންފަތް ހިކެނީ ބޭހުންކަމަށް ހީވާނަމަ، ޑޮކްޓަރުގެ ލަފާ ހޯދާ، ރަނގަޅު މޮއިޗަރައިޒިންގް ލިޕް ބާމެއް ބޭނުންކުރާށެެވެ.

ވިޓަމިން މަދުވުން

ވިޓަމިން ބީ 12 ހަށިގަނޑުގައި މަދުވާނަމަ، ތުންފަތް ހިކުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވިޓަމިން ސީ މަދުވާ ނަމަވެސް މިކަން މެދުވެރިވެދާނެ އެވެ. ވިޓަމިން މަދުވާކަން ޔަގީންކުރުމަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.