އިޒްރޭލްގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސިޓީއަށް އީރާނުން ހަމަލާދީފި އެވެ.
މި ހަމަލާގައި މިހާތަނަށް 51 މީހުން ވަނީ ޒަޚަމްވެފަ އެވެ. އީރާނުން ވަނީ ރޭ 6 ފަހަރަށް އެތަނަށް ހަމަލާ ދީފަ އެވެ.
މިއީ އީރާނުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް ދުރު ރާސްތާގެ މިސައިލް ބޭނުންކޮށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބޭރުންވެސް ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލުން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.
މި ހަމަލާތަކުގެ ތެރެއިން އިޒްރޭލުގެ ނިއުކްލިއާ ސައިޓާ ކައިރި ސަރަހައްދަކަށް ދިން ހަމަލާއެއްގައި ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
އިޒްރޭލްގެ އަސްކަރީ ވެރިޔާ އީޔަލް ޒަމީރު ބުނި ގޮތުގައި، އީރާނުން ވަނީ އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް 4,000 ކިލޯމީޓަރުގެ ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ. މިއީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، މެދުއިރުމަތީގެ ބޭރަށް އީރާނުން ހަމަލާ ފުޅާކުރި ފުރަތަމަ ފަހަރެވެ.
"މި މިސައިލްތަކަކީ ހަމައެކަނި އިޒްރޭލަށް އަމާޒުކޮށްފައިވާ އެއްޗެއް ނޫން. މީގެ ރާސްތާ ޔޫރަޕްގެ ގައުމުތަކުގެ ވެރިރަށްތަކަށް ފޯރާނެ. ބާލިން، ޕެރިސް އަދި ރޯމް އަކީވެސް މި ހަމަލާތަކުގެ ސީދާ ނުރައްކާ އޮތް ސަރަހައްދުތައް،" ޒަމީރު ބުނެފައިވެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އީރާނުގެ މިސައިލްތައް އިޒްރޭލުގެ ދެކުނުގެ ސިޓީތައް ކަމަށްވާ ދިމޯނާ އަދި އަރާދުއަށް އަރައި، ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނީ އެ މީހުން އަމާޒުކުރީ އިޒްރޭލްގެ އަސްކަރީ މަރުކަޒުތަކާއި ސަލާމަތީ މަރުކަޒުތަކަށް ކަމަށެވެ. އިޒްރޭލްގެ ސިއްރު ނިއުކްލިއާ ރިއެކްޓަރު ހުންނަނީ ދިމޯނާގެ އިރުދެކުނުން ގާތްގަނޑަކަށް 13 ކިލޯމީޓަރު ދުރުގަ އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ ހަނގުރާމައިގައި ވަރަށް އުނދަގޫ ރެއެއް ކަމަށެވެ. އަދި ހުރިހާ ފްރަންޓެއްގައި ވެސް ދުޝްމަނުންނަށް ހަމަލާދިނުމުގައި ދެމި ތިބޭނެ ކަމަށް އޭނާ ބުންޏެވެ.
އެމެރިކާ އާއި އިޒްރޭލުން ހަމަލާދޭން ފެށި ފަހުން އީރާނުން 2,000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އީރާނުގެ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް 15 މީހުން ވަނީ މަރުވެފަ އެވެ.
މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް "ނިންމާލުމާ" މެދު ވިސްނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ޓްރޫތު ސޯޝަލްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މަގްސަދުތައް ހާސިލްވުމާ ވަރަށް ގާތްވެފައިވާ ކަމަށާއި، ނަމަވެސް ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގައި އެހެން ގައުމުތަކުން އިސްނަގަން ޖެހޭނެ ކަމަށެވެ.
އަދިވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ނުލިބޭ
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟