ގިރާވަރުފަޅުގެ ބިން ހިއްކައި ނިންމުމަށް ފަހު، އަންނަ ޖޫން މަހުގެ ތެރޭގައި އެ ސަރަހައްދުން ގޯތި ހަވާލުކުރަން ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޕޯސްޓެއް ކުރައްވައި ރައީސް ވަނީ ބިން ހިއްކުމުގެ މަސައްކަތް މިހާރު ގޮސްފައިވާ މިންވަރު ފެންނަ ފޮޓޯއެއް އާންމުކުރައްވައިފަ އެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު ވެސް ކުރިއަށް އެބަ ގެންދެ އެވެ.

ރައީސް ވިދާޅުވީ އޭޕްރީލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމައި، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މެދުކެނޑުމަކަށް ފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށީ މި އަހަރުގެ ޖަނަވަރީ މަހު އެވެ. އެ ހިސާބަށް އައިއިރު އެތަނުން 54 ހެކްޓަރު އޮތީ ހިއްކައި ނިމިފަ އެވެ. ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ކުރިން ކަނޑައެޅީ 2،000 ގޯތި ދޫކުރާށެވެ. އެހެން ނަމަވެސް އެ އަދަދަށް ގޯތި ނެގޭ ވަރަށް ބިން ނެތުމުން، ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރަން ސަރުކާރުން ހުޅުވައިލުމުން 2،210 މީހުން އެކަމަށް ކުރިމަތިލި އެވެ.

މީގެ އިތުރުން، ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅާއި އުތުރު ތިލަފަޅުގެ ބިން ހިއްކުން އަވަސްކުރުމަށް ޓަކައި އިތުރު ތިން ޑްރެޖަރު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވެ އެވެ.