ތެޔޮ ލިބުމުގައި ދަތިކަމެއް ނެތްކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް ދގ. ތިނަދޫގައި ތެލުގެ އަގު އިންތިހާއަށް އުފުލި އެކަމުގެ ތަކުލީފު މުޅި ރަށުގެ ރައްޔިތުން އުފުލަން ޖެހިފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެލުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިކަމުން އެއްވެސް ދަތިކަމެއް ރާއްޖެއަށް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފަ އެވެ.

ސަރުކާރުން އެފަދައިން ބުނެފައިވީ ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ތެލުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އެހެން ކަމުން އެކަމުގެ ކަންބޮޑުވުންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ފާޅުކުރަމުންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި އެއް މަސްދުވަހަށް ބޭނުންވާ ތެޔޮ މިވަގުތު ރައްކާކުރެވިފައި ހުރި އިރު، އިތުރު ތެލުގެ ޝިޕްމަންޓެއްވެސް މިހާރު ވަނީ ގެނައުމުގެ މަގުމަތީގަ އެވެ.

މި ޔަގީންކަން ސަރުކާރުން ދީފައިވީ ނަމަވެސް، ތިނަދޫ ސިޓީގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން ކުރިން 16.15 ރުފިޔާއަށް ލިބެން ހުރި ޕެޓްރޯލް ލިޓަރެއްގެ އަގު މިހާރު ވަނީ 27.63 ރުފިޔާއަށް އުފުލިފަ އެވެ. އަދި 15.67 ރުފިޔާއަށް ކުރިން ލިބުނު ޑީސަލް ލިޓަރެއްގެ އަގު މިހާރު ހުރީ 29.10 ރުފިޔާގަ އެވެ.

މިކަމުގެ ކަންބޮޑުވުން ތިނަދޫ ރައްޔިތުން ފާޅުކުރަމުން ގެންދާއިރު، މޭޔަތު ސައުދު އަލީ ވިދާޅުވީ ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން އެކަމުގައި ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފުތައް އިންތިހާއަށް ބޮޑުކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެ އެވެ. ނަމަވެސް، ރާއްޖޭގެ ބާޒާރުގައި މިހާރު ފެންނަމުންދާ އަގުތަކަކީ ސަރުކާރުން ދީފައިވާ ޔަގީންކަމާ އަޅާބަލާއިރު ކަންބޮޑުވާންޖެހޭ ފަދަ ބޮޑު އަގުތަކެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ގޮވާލަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށާއި، އިސްރާފު ކުޑަކޮށް، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމަށެވެ. އަދި ހަމައެއްލަމައެއް ނެތި ސިޔާސީ ވަޒީފާތައް ބެހުމާއި، ގާތް ފަރާތްތަކަށް ހިލޭ އެހީ ދިނުން ފަދަ ކަންކަން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.