އެސްޓީއޯއިން ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖައާކޮށް އިންސާފުވެރި ބަދަލެއް ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

ޑްރައިވަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ހަރަދުތައް އިންތިހާއަށް އުފުލެމުންދާއިރު، ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފަކާއި އަނިޔާއެއް ކަމަށެވެ.

އެސްޓީއޯއިން 2026 މާޗް 5 ގައި ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ޑްރައިވަރުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން އެ ޖަމިއްޔާއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގައި ތެލުގެ އަގު ބަދަލުކުރި ނަމަވެސް، ޑްރައިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ބަލައި ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށެވެ. އަދި ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ނޫން ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމާ ގުޅޭގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ޑްރައިވާސް އެސޯސިއޭޝަނުން މިހާރު ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގައި ރަސްމީކޮށް އެދިފަ އެވެ. އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި، ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ނިންމުންތައް ނިންމަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެންނެވެ.

ޑްރައިވާސް އެސޯސިއޭޝަނުގެ ނޫސް ބަޔާން

"ތެލާއި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް،" ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މި ބަދަލު ނުގެނެސްފިނަމަ، މި މަސައްކަތުން އާމްދަނީ ހޯދައިގެން މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކެއްގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދީފިނަމަ، ޑްރައިވަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ބޮޑުވެ، އޭގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ކަމާބެހޭ މުއައްސަސާތަކުން ކަމުގައި މިޖަމިއްޔާއިން ދެކެމެވެ." ބަޔާނުގައި ބުނެފަވެ އެވެ.

ޑްރައިވާސް އެސޯސިއޭޝަނުން އިތުރަށް ބުނީ މި ކަންބޮޑުވުން ތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދީފިނަމަ، ޑްރައިވަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ބޮޑުވެ، އޭގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ކަމާބެހޭ މުއައްސަސާތަކުން ކަމަށެވެ.

އެހެންކަމުން، ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ޒިންމާދާރުކަމާއެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދައިދިނުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.