ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކެއް ކުރެވޭ ހުސައިން ސަނީ އުމަރުގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ސަނީ އުމަރުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ހިމެނެއެވެ.

ސަނީގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ތިން ދައުވާ: މި ދައުވާތައް އުފުލާފައިވަނީ ތަފާތު ތިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް އުމުރުން ހަތް އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައަކާއި، އިތުރު ދެ ކުއްޖެއްގެ ގަޔަށް އަތްލި މައްސަލަ ހިމެނެ އެވެ. މި ކޮންމެ ކުށަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެ އެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ: މި ދައުވާ ކުރީ ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތުކުރެވި، ފޯނު ހަވާލުކުރަން ކޯޓުން އަމުރުކުރުމުން، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ފޯނު ހަވާލުކޮށްފައި ނުވާތީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ: މި ދައުވާ ކުރީ އޭނާ ގެންގުޅުނު ސިމް ކާޑުގެ މައުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ އެވެ. މި ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލަތައް ސާބިތުވެއްޖެނަމަ، ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އެގޮތަށް އަދަބު ކަނޑައަޅައިފިނަމަ، ސަނީ އުމަރުގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް އަންނާނެ އެވެ.

ސަނީ އުމަރު މިހާރުވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.