ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާތީ، ބަންދުކުރާނެ ސަރަހައްދުތައް މާލެ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ގޮތަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ނިމި ހުޅުވެންދެން ބަންދުވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބަންދުވާނެ ކަމަށާއި، ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު އޭޕްރީލް 17 އިން ފެށިގެން ބަންދުވާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މިއަދުން ފެށިގެން މަގު ފުޅާކުރުމުގެ މަސައްކަތް ނިމި ސަރަހައްދު ހުޅުވެންދެން އެ ސަރަހައްދުގެ އެއްގަމު ތޮށްޓާއި ހުރަސް ތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް އަންގައިފަ އެވެ.