އައްޑޫގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ރާއްޖޭގެ އެހެން ތަންތަނަށް ވުރެ އިންތިހާއަށް ބޮޑުކަމަށް ވިދާޅުވެ، އައްޑޫ މޭޔަރު އަލީ ނިޒާރު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޭޔަރު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި އައްޑޫގައި މިވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.26ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 30.13ރ. އަށެވެ.

އެވްރެޖުކޮށް 30ރ. ގައި ތެލުގެ އަގު ހުރިއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން މި މަހުގެ 5 ވަނަ ދުވަހު ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 2.51ރ. ބޮޑުކޮށް 16.01ރ. އަށް، އަދި ޑީސަލް ލީޓަރަކުން 3.62ރ. ބޮޑުކޮށް 17.54ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ. މިއީ ޕެޓްރޯލުން 18.6 އިންސައްތައިގެ، ޑީސަލުން 26 އިންސައްތައިގެ ބޮޑުވުމެކެވެ.

ނިޒާރު ވިދާޅުވީ މި އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތުން މާ ބޮޑު އަގުތަކެއް ކަމަށާއި ގަލްފް ހަގުރާމައިގެ ދުވަސްވަރު ވެސް މި މިންވަރަށް ތެލުގެ އަގު ބޮޑުކޮށްފައި ނުވާއިރު މިކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މޭޔަރު ވަނީ ހުރިހާ ރައްޔިތުން ވެސް އިސްރާފު ކުޑަކޮށް، ހަރަދުތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.