ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާ ތެރޭގައި ދެގުނައަށް ވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓް ދަތުރުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 166 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އެންމެ 70 ޕްރައިވެޓް ޖެޓެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެވްރެޖުކޮށް ރާއްޖެއަށް އައިސްފައި ވަނީ ދުވާލަކު 5 ޖެޓެވެ. އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ވެސް އައިސްފައި ވަނީ 9 ޖެޓެވެ. މި އަދަދުތަކަށް ބަލާއިރު މިއަހަރު ބޮޑު ފަރަގެއް އަންނަނީ ފެންނަމުންނެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެވްރެޖުކޮށް މި ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް ދުވާލަކު 12 އަށް ވުރެ ގިނަ ޖެޓު އާދެ އެވެ. އެގޮތުން، އެއް ދުވަހެއްގެ ތެރޭގައި 18 ޖެޓް ވެސް ރާއްޖެއަށް އައިސްފައިވެ އެވެ. އެއީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ފާހަގަކުރެ އެވެ. އެ އެސޯސިއޭޝަނުން ވިދާޅުވި ގޮތުގައި މި ބަދަލު ފެނިފައި ވަނީ އެ ސަރަހައްދުގެ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުމުންނެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ރާއްޖެއަށް ގިނަ އަދަދެއްގެ އެއާލައިންތަކުން ދަތުރުކުރެ އެވެ. ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތައް ކެންސަލް ކުރުމުން ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ޓޫރިސްޓުން ޕްރައިވެޓް ޖެޓުތަކުގައި އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.

މޮސާޑް އިސްވެރިޔާގެ ސިއްރު ލިޔެކިޔުންތައް ހެކްކޮށް ލީކުކޮށްލައިފި
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!
އެންމެ ގިނައިން ކަދުރު އުފައްދާ ގައުމަކީ ކޮބާ؟