އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ އިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫއަރައި، ތެލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ދުނިޔޭގެ ގިނަ ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށައިފި އެވެ. ނަމަވެސް، މިއަހަރު ބޮޑެތި ދަރަނިތަކެއް ސަރުކާރުން ދައްކަން ޖެހި، އިގްތިސާދު ނޭވާހޮޅިއަށް އެޅިފައި އޮތްއިރު ވެސް، ފެންނަނީ ހަރަދު ކުޑަކުރުމުގެ ބަދަލުގައި އިތުރު ހަރަދުތަކެއް ކުރަމުންދާ މަންޒަރެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މެލޭޝިއާ އަދި ތައިލެންޑް ފަދަ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން ވަނީ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށާއި ތެލުގެ އަގަށް އަތުވެދާނެ ބަދަލަކަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން އިއުލާނުކޮށްފަ އެވެ. މި ގައުމުތަކުން މިފަދަ ނިންމުންތަކެއް ނިންމީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ލިބުމަށް ދަތިވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިދާނެ ކަމަށް ލަފާކުރެވޭތީ އެވެ. ބައެއް ގައުމުތަކުން ވަނީ ކުރިއަށް އޮތް ފިތުރު އީދާ ގުޅިގެން ބޭއްވުމަށް ނިންމި ބައެއް ހަރަކާތްތައް ވެސް ނުބާއްވަން ނިންމާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ހާލަތަށް ބަލާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް އުފައްދާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ދައުލަތުގެ ރިޒާވް މުޅިން ހުސްނުވެ ބެހެއްޓުމަށް މިހާރު ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ އަސަރުތަކުން ސަލާމަތްވުމަށް ދައުލަތުގެ ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ނަމަވެސް އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ރާއްޖެއަކީ މިފަދަ ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާއި، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ބިރު އޮތްއިރު، ދައުލަތުގެ އާމްދަނީ ދަށްވެ، ރިޒާވުން ކުރަންޖެހޭ ހަރަދުތައް ދަނީ ބޮޑުވަމުންނެވެ. ވަކިން ހާއްސަކޮށް، އަންނަ މަހު ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މާލެ، މާޗް 2، 2026 - ގިނަ ދުވަސްތަކަކަށް ފަހު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެހެން ގައުމުތަކުން ހަރަދު ކުޑަކުރަމުންދާއިރު، ރާއްޖެއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސަރުކާރުން ވަނީ މިއަހަރުގެ އީދު ފާހަގަކުރުމަށް އެމްއެންޑީއެފާއި ދައުލަތުގެ ގިނަ ކުންފުނިތަކެއް ބައިވެރިކޮށްގެން ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފަ އެވެ. އީދު ސަލާމް ކުރެއްވުމާއި ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ސަރުކާރުން ދަނީ ވަރަށް ފޯރީގައި ރާވަމުންނެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް ބޭކާރު މުވައްޒަފުން ނެގުން ވެސް ހުއްޓުމެއް ނެތި ދަނީ ކުރިޔަށެވެ.

ލޯކަލް ކައުންސިލް ކެމްޕޭންތަކާއި ގުޅިގެން ވެރިކަންކުރާ ޕީއެންސީން ސައިކަލް ބުރުތައް ބާއްވަމުން ދިއުމުން ވަރަށް ގިނަބައެއް ފާޑުކިޔުން އަމާޒުވި އެވެ. މުޅި ދުނިޔެ ތެލައް ޖެހިދާނެ ކަމުގެ އިންޒާރުތައް ދެމުން ދާއިރު ތެޔޮ ރައްކާކުރުމުގެ މާބޮޑު ކެޕޭސިޓީއެއް ނެތް ނާޒުކު އިގްތިސާދެއް އޮތް ރާއްޖެއިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން ބޭއްވި ސައިކަލް ބުރު --- ފޮޓޯ: ޕީއެންސީ

ދުނިޔޭގެ ބާޒާރުގެ ލޮޅުންތަކުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، އިގްތިސާދީ މި ނާޒުކު ވަގުތުގައި ކުރެވޭ މިފަދަ ހަރަދުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ރިޒާވަށް އިތުރު ލޮޅުންތަކެއް އައުމުގެ ބިރު މިވަނީ ބޮޑުވެފަ އެވެ.