މުޅި ދުނިޔޭގެ ސަމާލުކަން މެދުއިރުމަތީގައި ހިނގަމުންދާ މިސައިލް ހަމަލާތަކާއި އަސްކަރީ ކުރިމަތިލުންތަކަށް ހުއްޓިފައިވާ މި ދަނޑިވަޅުގައި، ސައިބަ ސެކިއުރިޓީ މާހިރުން އަންނަނީ ނުރައްކާތެރި އެހެން ކަމަކަށް ފާރަވެރިވަމުންނެވެ. އެއީ އީރާނާ ގުޅުންހުރި ހެކަރުންގެ ގްރޫޕްތަކުން އިންޓަނެޓްގެ ޒަރީއާއިން އެމެރިކާއަށް ދެމުންދާ ހަމަލާތައް ކުއްލިއަކަށް އިތުރުވެފައިވާ މައްސަލަ އެވެ.
ސައިބަ ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ މާހިރުން ފާހަގަކުރާ ގޮތުގައި، ފިޒިކަލް ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާއިރު، ޑިޖިޓަލް ދުނިޔޭގައި ދެވޭ މިފަދަ ހަމަލާތަކަކީ ދުޝްމަނުންގެ މުހިންމު މައުލޫމާތުތައް ހޯދުމަށާއި، އިގްތިސާދީ އަދި އިޖުތިމާއީ ނިޒާމުތަކަށް ބުރޫއެރުވުމަށް ހިންގާ ހަރަކާތްތަކެކެވެ.
އެ ގޮތުން މިދިޔަ ބުދަ ދުވަހު އެ އެމެރިކާގެ ސިއްހީ އާލާތްތައް އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސްޓްރައިކާ އަށް އީރާނާ ގުޅުންހުރި ހެކަރުންތަކެއް ސައިބާ ހަމަލާއެއް ދީފި ކަމަށް ބުނެ، އެ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ.
މި ހަމަލާއާ ގުޅޭ ރިޕޯޓްތައް އާންމުވުމާއެކު، ހިއްސާގެ ބާޒާރުގައި ސްޓްރައިކާ ކުންފުނީގެ ހިއްސާގެ އަގު ވަނީ ބުދަ ދުވަހު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އީރާނުގެ ސަރުކާރާ ގުޅުން އޮންނަ ހެކަރުންގެ ގްރޫޕަކުން ކަމަށް ބެލެވެ އެވެ.
މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، އެމެރިކާގެ މުހިންމު ސިއްހީ އުމްރާނީ ވަސީލަތްތަކަށް ހުރަސްއަޅައި، ކުންފުނީގެ ސިއްރު މައުލޫމާތުތައް ހޯދުމެވެ. ހެކަރުން ވަނީ ކުންފުނީގެ ބައެއް މުހިންމު ޑޭޓާތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފަ އެވެ.
މަސްރަހު ދިރާސާކުރާ ރޮއިޓާސްގެ ރިޕޯޓަރަކު ބުނީ އީރާނާ ގުޅުންހުރި ހެކަރުންގެ މި ހަރަކާތްތަކަކީ ވަރަށް ބޮޑަށް ރޭވިގެން ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށެވެ. މި ހަމަލާތަކުގެ އަމާޒަކީ އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި، މުހިންމު އިންފްރާސްޓްރަކްޗާތައް ކަމަށް އޭނާ ފާހަގަކުރެ އެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން އަންދާޒާ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އެމެރިކާއަށް ވެދާނެކަމުގެ ބިރުވަނީ އުފެދިފަ އެވެ.
މި ނުރައްކާތަކާ ގުޅިގެން މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މިފަދަ ވަރުގަދަ ސައިބާ ހަމަލާތަކަކުން ދިފާއުވުމަށް އެމެރިކާ އޮތީ ކިހާވަރަކަށް ތައްޔާރަށްތޯ އެވެ؟ ސައިބަ މާހިރުން ބުނާ ގޮތުގައި، މިފަދަ ހަމަލާތަކަކީ ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލުކަން ހުރި ހަމަލާތަކެކެވެ.
ދުނިޔޭގެ މަސްރަޙު ހޫނުވަމުންދާ މި ދަނޑިވަޅުގައި، މިސައިލްތަކުގެ އަޑަށްވުރެ ބާރަށް، ފިނި ހަނގުރާމައެއްގެ ގޮތުގައި ސައިބަ ޖާސޫސީ މަސައްކަތްތައް ކުރިއަށްދާކަން މާހިރުންގެ ހޯދުންތަކުން ހާމަވެ އެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މަސްރަޙުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
"ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ބޭނުންވާ ހަމައެއް ނޫން"
ރޯދަ ވީއްލުމަށް ފިނިބުއިމެއް ރަނގަޅެއް ނޫން!