ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ބޯމަތިވެފައި ވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މެންބަރުން ރަށްރަށަށް ގޮސް ޖަލުގައި ބަންދުކޮށްގައި ތިބި ބޮޑެތި ކުށްވެރިންތަކެެއް ދޫކޮށްލާނެ ކަމުގެ ހުސް ވައުދުތައް ވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ އިތުރު ރަށަކުން "ހުރިހާ" އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ޖަލަށްލާފައި ތިބި މީހުންގެ އާއިލާތަކާ ބައްދަލުކުރަމުންނެވެ. އަދި މި ބައްދަލުވުންތަކުގައި، ކުރިއަށް އޮތް އިންތިހާބުތަކުގައި ސަރުކާރަށް ތާއީދުކޮށްފިނަމަ، ޖަލުގައި ތިބި އެ މީހުންގެ އާއިލާގެ މެންބަރުން މިނިވަންކޮށްދޭނެ ކަމުގެ ވައުދު ވަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ބައެއް އާއިލާތަކުން ބުނި ގޮތުގައި، މިއީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރުން ވަމުންދާ ދޮގު ވައުދުތަކެއް ކަމަށް އެމީހުން ގަބޫލުކުރެ އެވެ.
"މީގެ ކުރިން ވެސް އިންތިޚާބުތަކާ ދިމާކޮށް މިކަހަލަ ވައުދުތައް ވޭ. އެކަމަކު އިންތިހާބު ނިމުމުން އެކަން ކޮށްދޭނެ އެއްވެސް އިހުލާސްތެރިކަމެއް ސަރުކާރުގެ ނެތްކަން މާޒީން ވަނީ ފެނިފައި،" ހުރިހާ އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އާއިލާތަކުން އިތުރަށް ފާހަގަކުރި ގޮތުގައި، ސަރުކާރުގެ މެންބަރުން މިފަދަ ވައުދުތައް ވަމުންދަނީ އެއްވެސް ގާނޫނީ އުސޫލެއްގެ ތެރެއިންނެއް ނޫނެވެ. އަދި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން މިނިވަންކުރާނެ ކަމަށް ބުނެ އާއިލާތަކަށް އުންމީދުތަކެއް ދެނީ ހަމައެކަނި ސިޔާސީ މަންފާއެއް ހާސިލު ކުރުމަށެވެ.
މި ދުވަސްވަރަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިހާބުތަކަށް ކެމްޕޭނު ކުރަމުންދާ ދުވަސްވަރަކަށް ވާއިރު، ރަށްރަށުގެ ކެމްޕޭން ހަރަކާތްތަކުގައި ސަރުކާރުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކުރަމުންނެވެ.
ހާއްސަކޮށް، ލޯކަލް ކައުންސިލް އިންތިހާބާއި ބޮޑު ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓު ސަރުކާރުން ބޭނުންވާ ގޮތަށް ކާމިޔާބު ކުރުމަށްޓަކައި، މިފަދަ ހުސް ވައުދުތަކުން ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލާނެ ކަމުގެ ވައުދުތައް ވަމުންދާ މައްސަލާގައި ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. ނަމަވެސް، އާއިލާތަކުން ތިބީ މިފަދަ ސިޔާސީ މަކަރުތަކަށް ހެއްލޭ ގޮތަކަށް ނޫން ކަމަށް "ހުރިހާ" އާ ވާހަކަދެއްކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.
"މި ސަރުކާރުން ބޭނުންއިރަކު ބޭނުން ކަމެއް އެއީ ގާނޫނީ އިމުގެ ބޭރުން ވިޔަސް ކުރާނެކަން މިއިން އެނގެނީ. މެމްބަރުން އެބަ ބުނޭ ތި މައްސަލާގައި ބަންދުކޮށްފައި ހުރި މީހާ މިހާރު ވެސް ދޫކޮށްލާނެ ކަމަށް. އެއިން އެބަ އެނގޭ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަން،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ ކެމްޕޭން ކުރިން ޕީއެންސީގެ މަޖްލިސް މެމްބަރަކު ވަނީ ހަައްޔަރުކޮށްފައިވާ އެއްވެސް މީހަކު ދޫނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ކުއްލިއަކަށް ހިޔާލު ބަދަލުވި ސަބަބެއް ނުވިސްނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ރޯވި ގެއިން މީހުން ނެރެން ވަންނަން ޖެހުނީ ފާރު ތަޅާލައިގެން
ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން