ހަޔާތުގައި ދިމާވާ ތަކުލީފުތަކަކީ އިމްތިހާނެކެވެ. ކާމިޔާބު މީހަކީ ތަކުލީފުތަކަކީ ކާމިޔާބަށް ވާސިލްވުމަށް ދިމާވާ ހުރަހެއް ކަމަށް ބަލައި ދަތިތައް ގިރާކުރަން މަސައްކަތް ކުރާ މީހާ އެވެ. މިއީ ދިރިއުޅުމުގައި ދިމާވި ދަތި އުނދަގޫތަކަށް ކެތްކުރި އަދި ދޫދިނުމެއް ނެތި ކުރިއަށް ދިޔަ ހިތްވަރުގަދަ އަންހެން ކަނބަލެކެވެ. އޭނާއަށް މިއަދު ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަސްލަކީ އޭނާވި ގުރުބާނީ ކަމަށް ބުނެވިދާނެ އެވެ.
ށ. މިލަންދޫގައި މިހާރު ދިރިއުޅެމުންދާ އެ ރަށު ދިލާސާގޭ ހައްވާ ޔުމްނާ (ޔުމް)، ތައުލީމީ ހަޔާތް ފެށުނީ އޭނާގެ އުފަން ރަށް ކަމަށްވާ ށ. މާކަނޑޫދޫ އިންނެވެ. ނަމަވެސް ދެހާހުގެ ކުރީކޮޅު މާކަނޑޫދޫއަށް ރަށް ގިރުމުގެ މައްސަލަ ދިމާވުމުގެ ސަބަބުން އޭނާގެ އާއިލާ މިލަންދޫއަށް ބަދަލު ކުރެވުނެވެ. އެ ރަށުގައި އޯލެވެލް ފުރިހަމަ ކުރި ނަމަވެސް އެ އަތޮޅުގެ ކޮމަންޑޫ އަދި ރ. ކަނދޮޅުދޫ ސްކޫލްގައި ވެސް އޭނާ ކިޔެވި އެވެ. އޯލެވެލް ހެދީ 2004 ގަ އެވެ.
އޭނާ ދެން މަސައްކަތް ކުރީ މާކަނޑޫދޫ ސްކޫލްގެ ރިލީފް ޓީޗަރެއްގެ ގޮތުގަ އެވެ.
ޔުމް ބޮޑުވަމުން އައީ ވަރަށް މަސައްކަތްތެރި މާހައުލެއްގަ އެވެ. އޭނާގެ މަންމަ އަދި ދައްތަމެންނަކީ މޮޅު ފެހުންތެރިންނެވެ. ޔުމްއަށް ވެސް އެ މީހުންގެ ފަރާތުން ފެހުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ދަސްވި އެވެ. އޭގެ ސަބަބުން ވަރަށް ޅައުމުރުގައި ވެސް އަތްތެރި އަދި ކަވި މަސައްކަތަށް އޭނާ ޝައުގުވެރިވެ އެވެ.
"ޓީނޭޖް އުމުރަށް އެޅީމަ ދޮންތަމެން ފަހައިދޭ ހެދުން ބޭނުންވީ އަމިއްލައަށް ހަދަން. ދެން ފަހާ ފޮށިން ހެދުމުގައި ފަތި ޖަހަން ދޭނެ. އެގޮތަށް ޓްރައި ކުރަމުން ގޮސް ފަހަން ދަސްވީ. ދެން މެރީ [ކައިވެނި] ކޮށްގެން އާދެވުނީ ވެސް ވަރަށް ފަހާ ގެއަކަށް. އަބަދު ވެސް ތިން ހަތަރު ފަހާ ފޮށިން އެގޭގަ ފަހަމުން ގެންދާނެ. ފަހަން ދަސްވުމަށް ފަހު އަޅުގަނޑު އޭރު ފަހަނީ އަމިއްލަ އެއްޗެހި. ފަހުން އަންހެން ދަރިއަކު ލިބުމުން ބޮޑަށް ފަހާ ހިތްވީ،" ދެކުދިންގެ މަންމަ ޔުމްއަށް ފެހުމުގެ މަސައްކަތް ދަސްވިގޮތް ކިޔައިދެމުން ބުންޏެވެ.
އެއްއިރެއްގައި ބޮޑެތި މީހުންގެ ހެދުމާއި ކުޑަކުދިންގެ ހެދުން ފެހި ނަމަވެސް މިހާރު އޭނަ އެންމެ އާންމުކޮށް ފަހަނީ ސޭޝް އަދި ބިޝްޓް ކަހަލަ އެއްޗެއްސެވެ.
ޔުމްސްކޭކް: ޔުމްގެ ކޭކުގެ ދުނިޔެ
ކޭކު އެޅުމަކީ އޭނާ އެފަދަ ފުރުސަތަކަށް ބަލަބަލަ ހުރި މަސައްކަތެކެވެ. އޭނާ ވަރަށް ކުޑައިރު ފެމެލީ ކުދިންގެ އުފަން ދުވަހަށް މާލެއިން ގެންނަ ކޭކު ފެނުމުން ކޭކު އަޅާފައި ހުންނަ ގޮތާ ދޭތެރޭ ވިސްނައި، އެގޮތަށް ކޭކު އަޅާހިތްވި އެވެ. ޔުމްއަށް 16 އަހަރު ފުރުނު ދުވަހު އޭނާ ބޭނުންވި ކަންތައް ކުރި އެވެ. އަމިއްލައަށް އުފަން ދުވަހުގެ ކޭކު އަޅައި ގޭ އެންމެން ހައިރާން ކޮށްލި އެވެ. އެ ދުވަހު އާއިލާގެ ފަރާތުން އޭނާގެ މަސައްކަތަށް ލިބުނު ތައުރީފާއި ހިތްވަރުގެ ބަސްތަކާއި އަދި އޭނާގެ ފިރިމީހާ އެ މަސައްކަތް ކުރުމަށް އޭނާއަށް ލައިދިން އެއްބާރުލުމަކީ އެ މަސައްކަތުގައި ކުރިއަށް ދާން ބޭނުންވި ސަބަބު ކަމަށް އޭނާ ބުންޏެވެ.
"އެއްފަހަރަކު ރަށުގެ ޖަމިއްޔާއަކުން 10 ދުވަހުގެ ކޭކު ކޯހެއް ހިންގަން އުޅޭކަން އަޅުގަނޑުގެ ފިރިމީހާއަށް އެނގިގެން އޭނަ އިސްނަގައިގެން އަޅުގަނޑުގެ އެކޯހުގައި ބައިވެރި ކުރި. ބައިވެރިކޮށްފައި ފަހުން އަޅުގަނޑު ކައިރީ ބުނީ ވެސް. ވަރަށް ކޭކުއަޅަން ދަސްކުރާ ހިތުން އެކޯހަށް ދިޔައީ،" ޔުމް ބުންޏެވެ.
އެކޯސް ނިންމާފައި އޭނާގެ ދަރިފުޅުގެ އެއްވަނަ އުފަން ދުވަހުގެ ޕާޓީއަށް ކޭކު އެޅީ އޭނާ އަމިއްލަ އަށެވެ. އެ ކޭކުގެ ރަހަ ގިނަ ބަޔަކަށް މީރުވުމުގެ ނަތީޖާއަކަށްވީ ޔުމްއަށް ފުރަތަމަ ކޭކު އޯޑަރު ލިބުމެވެ.
އެއަށްފަހު "ޔުމްސް ކޭކް" ގެނަމުގައި އިންސްޓަގްރާމް، އެފްބީ އަދި ޓިކްޓޮކްގައި ޕޭޖެއް ހުޅުވައިގެން ކޭކުގެ މަސައްކަތް އޭނާ ކުރަން ފެށި އެވެ. އެ މަސައްކަތުގެ ތެރެއަށް އިތުރު ބޮޅެއް އޭނާ އެމުނީ އެކި ވައްތަރުގެ ބޮކޭ ހަދަން ފެށުމާއެކު އެވެ. އޭނާ ބޮކޭ ހަދަން ފެށީ އަމިއްލަ ޚިޔާލަށެވެ. ފުރަތަމަ ބޮކޭއެއް ހެދީ އާއިލާ ކުއްޖެއްގެ އުފަން ދުވަހަށެވެ.
އެދުވަހު ތައްޔާރު ކުރި ޗޮކުލެޓު ބޮކޭ ގިނަ މީހުނަށް ވަރަށް ކަމުދިޔަ އެވެ. އެއަށްފަހު ޔޫޓިއުބް ބަލައިގެން އެ މަސައްކަތް އިތުރަށް ތަރައްގީ ކުރި އެވެ. ޔުމްނާ ބުނިގޮތުގައި ބޮކޭ މަސައްކަތުން ވަރަށް ރަނގަޅު އާމްދަނީއެއް އޭނާއަށް ލިބެ އެވެ. ކޮންމެ ދުވަހަކު ވެސް ދެތިން ބޮކޭ ހެދުމަށް އޯޑަރު ލިބޭ ކަމަށެވެ. ޗޮކްލެޓް ބޮކޭގެ އިތުރުން މަނީބޮކޭ، ފްލާވާ ބޮކޭ އަދި "ކަސްޓަމައިޒް" ބޮކޭ ވެސް އޭނާ ހަދައިދެ އެވެ.
ކޭކުގެ އިތުރުން ބޮކޭ އަދި ޔުމްގެ ކްރާފްޓް މަސައްކަތަކީ ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ މަސައްކަތެވެ. އޭނާ ކުރާ ކްރަފްޓް މަސައްކަތުގެ ތެރޭގައި ކައިވެނީގެ ރަން، ފްލާވާ ބޭންޑް، ހެއާ ކްލިޕް، އެންވެލޮޕް ބޮކްސް، ބުޓްނިއާ (ކޯޓްގައި ހަރުކުރާ މާކޮޅު)، ގިފްޓް ބޮކްސް، ބެނާ އަދި ޕިން ކުޝަން ހިމެނެ އެވެ.
ކޭކް އަދި ކްރާފްޓް މަސައްކަތް އެއް ޕޭޖަކުން ދައްކާލުމަށް "ޔުމްސް ކޭކް އެންޑް ކަލެކްޝަން" އަށް ކުރީގެ ނަން ބަދަލުކޮށްލި އެވެ. މިހާރު އޭނާގެ ހުރިހާ މަސައްކަތެއް "ޔުމްސް ޑިލައިޓް" އިން ފެންނަން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ވަނީ މިހާތަނަށް ކޭކު އެޅުމުގެ ގިނަ ކޯސްތަކެއް ފުރިހަމަ ކޮށްފަ އެވެ. އަދިވެސް އެރޮނގުން ކުރިއަށް ދިއުމަށް އޭނާ ހުރީ ކެތްމަދުވެފަ އެވެ.
"ކޭކު އެޅުމުގެ ރޮނގުން ވަރަށް މައްޗަށް ކިޔަވަން ބޭނުން. ކޭކު އެޅުމުގެ މުބާރާތެއްގައި ބައިވެރިވެ، އެވޯޑެއް ހޯދާ ރަށާއި މުޅި އާއިލާއަށް ރީތި ނަމެއް ހޯދައި ދޭން ބޭނުންވޭ. އަދި ގިނަ ބަޔަކަށް މި މަސައްކަތް ދަސްކޮށްދޭން ބޭނުންވޭ. މިހާރު ވެސް މިރަށުގައި އުޅޭނެ އަޅުގަނޑުގެ ވަރަށް ގިނަ ދަރިވަރުން. ބައެއް ކުދިން ރަނގަޅު ބިޒްނަސްތަކުގައި އުޅޭތަން ފެނުމުން ވަރަށް އުފާވޭ،" މުސްތަގްބަލުގައި އެރޮނގުން ދެކޭ ހުވަފެންތަކެއް ހިއްސާ ކުރަމުން ޔުމް ބުންޏެވެ.
މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް އޭނާ އަކީ މަންމަ އެއްކަން އަބަދު ވެސް ހަނދާން ކުރެ އެވެ. ކުދިންގެ ކަންކަން އިސްކުރެ އެވެ. ދަރިންނަށް ކިޔަވައިދީ ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އޭނާގެ އެންމެ މުހިންމު ޒިންމާ ކަމަށް ހަދަ އެވެ. ޔުމް ބުނިގޮތުގައި އޭނާ ކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭ އަދި ރަނގަޅު އާމްދަނީއެއް ވެސް ލިބޭ މަސައްކަތެއް ކަމަށް ވުމުން، އެކަމުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވާ ކަމެވެ.
ޔުމް ވަނީ މެދުނުކެނޑި 15 އަހަރު ދުވަހު އޭނާގެ މަސައްކަތުގައި ކާމިޔާބުކަމާއި އެކީ ހިފަހައްޓާލައިފަ އެވެ. އޭނާގެ އަމިއްލަ ދެ އަތުން މަސައްކަތް ކުރި ނަމަވެސް މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައި ފިރިމީހާގެ ބޮޑު ހިއްސާއެއްވާ ކަން ޔުމްނާ ފާހަގަކޮށް އޭނާގެ ފިރިމީހާއަށް ޝުކުރު އަދާކުރެ އެވެ.

ރާއްޖެެއަށް ދަތުރުކުރާ އެއާލައިންތަކުން ޓިކެޓް އަގު ބޮޑުކޮށްފި
ރޯދަ ކުރު ކުރުން: އެހާރާއި މިހާރަށް ނަޒަރެއް!
ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން