ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނައުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ އަންހެން މީހާ އޭނާގެ ހަތަރު ދަރިންނާއެކު ގަވާއިދާ ޚިލާފަށް ސީރިޔާ އިން ތުރުކީއަށް އެތެރެވެފައި ވަނިކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން ދިވެހި ސަރުކާރަށް އެނގުމާއެކު އެ މައްސަލަ ތަހުގީގުކޮށް، އެ އާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔެކިޔުންތަކާއި އަދި އެ ފަރާތްތައް ރާއްޖެ ގެނައުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިހާރު ތުރުކީގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ ދަރިންނަކީ އަފްޣާނިސްތާނާއި ސީރިއާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ލިބިފައިވާ ހަތަރު ދަރިން ކަމަށް އޭނާ ބުނާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ހަނގު ދެ ކުދިން އުފަންވީ އަފްޣާނިސްތާނާއި ސީރިއާގައި ކަމަށް އޭނާ ބުނެ އެވެ.
އެ ކުދިންނަނީ އެ އަންހެން މީހާގެ ދަރިންކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އާއިލާ ރާއްޖެ ގެނައުމަށްފަހު، ނޭޝަނަލް ރިއިންޓަގްރޭޝަން ސެންޓަރުގައި ބޭތިއްބުމަށްވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ހަނގުރާމައިގެ މާހައުލުގައި އުޅެފައިވުމުން އެ އާއިިލާއަށް ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.