އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާތަކުގެ ސަބަބުން އެ މަނަވަރުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސް، ސަރަހައްދީ ކަނޑުގެ ސަރަހައްދުން ފޭބުމަށް ވަނީ މަޖުބޫރުވެފަ އެވެ.
އީރާނުގެ ސެންޓްރަލް ހެޑްކުއާޓާޒް އިން ނެރުނު ރަސްމީ ބަޔާނެއްގައިވާ ގޮތުން މި އޮޕަރޭޝަންގައި ބޭނުންކޮށްފައިވަނީ ކަނޑައެޅޭ ވަކި އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ މިސައިލާއި ޑްރޯންތަކެވެ. މި ހަމަލާ ދީފައި ވަނީ އޮމާން ކަނޑުގެ ތެރެއިން އީރާނުގެ ކަނޑުގެ ސަރަހައްދީ ރޮނގާ ގާތްގަނޑަކަށް 340 ކިލޯމީޓަރު ދުރުގައި އެ މަނަވަރު އޮއްވަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑު، އައިއާރުޖީސީ އިން ހިންގި މި ހަރަކާތަކީ ބޭރުގެ އުދުވާނީ ބާރުތަކުން ގައުމުގެ ސިޔާދަތަށް އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް އީރާނުން ސާބިތުކަމާއެކު އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށް ވަނީ ބުނެފަ އެވެ. މި ހަމަލާއަށްފަހު، އަބްރަހަމް ލިންކަން މަނަވަރާ އެއާ އެކު ދަތުރުކުރި ފްލީޓްތައް އެ ސަރަހައްދު ދޫކޮށް ދާތަން ވަނީ ފެނިފައިވާ ކަމަށް އީރާނުން ރިޕޯޓު ކުރެ އެވެ.
މީގެ އިތުރުން ބަހުރޭނުގެ މިނާ ސަލްމާންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓް ބޭހަށް ވެސް އައިއާރުޖީސީ އިން ވަނީ ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާ ދީފައި ވަނީ އީރާނުގެ އާ ސްޕްރީމް ލީޑަރު އާޔަތުﷲ މޮޖުތަބާ ޚާމަނާއީ ދެއްވި ފުރަތަމަ މެސެޖުގައި އީރާނުގެ ދިފާއީ މަސައްކަތްތަކަކީ "ވަރުގަދަ އަދި ހިތާމަކުރަންޖެހޭ ފަދަ" ރައްދުތަކަކަށް ވާނެ ކަމަށް ވިދާޅުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ބުނިގޮތުގައި، ބަހްރޭނުގައި ހުންނަ ބޭހަށް ދިން ހަމަލާތައް ދީފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. މި ބަޔާނުގައިވާ ގޮތުން، އެ ބޭހުގެ މުހިންމު ވަސީލަތްތަކަށް ވަނީ ސީދާ އަމާޒަށް ހަމަލާދީފަ އެވެ. އޭގެ ތެރޭގައި ޑްރޯން ދިފާއީ ނިޒާމުތަކާއި، ޑްރޯން ރައްކާކޮށް މަރާމާތުކުރާ ތަންތަނާއި، އިތުރު ވަސީލަތްތަކާއި ތެޔޮ ރައްކާކުރާ ޓޭންކުތައް ހިމެނެ އެވެ.
އައިއާރުޖީސީ އިން ބުނި ގޮތުގައި، އެމެރިކާ ސިފައިން އެއްވެ ތިބި ތަންތަނަށް ދިން މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަކަށް ބޮޑުވެދާނެ: އީރާން
"ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަަށް ކުއްޖަކު ނުބުނޭ"
ބޮލީވުޑް ދޫކޮށްލަން އާމިރު ނިންމީ މިހެންވެ!