ތަރާވީހު ގަޑީގައި ކޮލެޖުތަކުގެ ކްލާސްތައް ނުބާއްވަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.

ބައެއް ކޮލެޖުތަކުން އަންނަނީ މި ރޯދަމަސް ފެށުނީއްސުރެ ތަރާވީހު ނަމާދު ކުރާ ގަޑި ގެއްލޭ ގޮތަށް ކްލާސްތައް ރާވަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން ކޮލެޖުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އެ ކަމާ ނުރުހުން ފާޅުކޮށް ހޯމަ ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، ބައެއް ކޮލެޖްތަކުން ފަހު ދިހައިގައި ވެސް ތަރާވީހު ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލް ކުރާތީވެ، ބައެއް ދަރިވަރުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އަދި، މިނިސްޓަރު ވަނީ އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތަށް ގެންދިއުން ވަރަށް މުހިންމު ކަމުގައި ދެކޭ ކަމަށް ވިދާޅުވެފަ އެވެ.

ގިނަ މިސްކިތްތަކުން ތަރާވީހު ނަމާދުކޮށް ނިމެނީ 9:00 އަށެވެ. އެންމެ އަވަހަށް ކިޔަވާ މިސްކިތްތަކުގައި ވެސް ތަރާވީހު ނަމާދުކޮށް ނިމެނީ 8:30 ހާއިރެވެ.

ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށްވާއިރު، ރޭ އަޅުކަންތައް އަދާކުރަން ދީނުގައި ބާރުއަޅަ އެވެ. އެ ކަންކަމަށް ވަގުތު ދޭން ސަރުކާރުން އަންނަނީ ރޯދަމަހުގެ ފަހު 10 ސަރުކާރު ވެސް ބަންދުކުރަމުންނެވެ. މި އަހަރު ވެސް ހޯމަ ދުވަހުން ފެށިގެން ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.

ތަރާވީހު ގަޑީގައި ކޮލެޖު ކްލާސްތައް ނުބާއްވަން މިނިސްޓަރު އެދިވަޑައިގެންއިރު، ގިނަ ކޮލެޖުތަކާއި ޔުނިވާސިޓީތައް ވެސް ރޯދަމަހުގެ ފަހު 10 އަށް ވަނީ ބަންދުކޮށްފަ އެވެ.