މެދުއިރުމަތީގައި އެމެރިކާ-އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ބަހުރެއިންގެ ސިތުރާ ޖަޒީރާގައި ހުންނަ ބެޕްކޯގެ ރިފައިނަރީއަށް އީރާނުން ހަމަލާ ދިނުމުން އެތަނުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ދުވާލަކު 380،000 ފީފާ ތެޔޮ ސާފުކުރުމުގެ ޤާބިލުކަން ހުރި މި ކާރުހާނާއަށް ސައޫދީ ޢަރަބިއްޔާއިން ޕައިޕްލައިނެއް މެދުވެރިކޮށް ސާފުނުކުރާ ތެޔޮ ގެނެ އެވެ. މި ހަމަލާގެ ސަބަބުން ސައޫދީ ޢަރަބިއްޔާގެ ތެޔޮ އުފެއްދުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ރޮއިޓާސް ރިޕޯޓުކޮށްފައިވެ އެވެ.
ބެޕްކޯއަކީ މެދުއިރުމައްޗާއި އޭޝިއާގެ ޤައުމުތަކަށް ޑީސެލް، ޖެޓް ފިއުލް އަދި ނެފްތާ ފަދަ ތެޔޮ އެކްސްޕޓުކުރާ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނީގެ ރިފައިނިން ކެޕޭސިޓީ ދާދި ފަހުން ވަނީ ދުވާލަކު 265،000 ފީފާއިން 380،000 ފީފާއަށް އިތުރުކޮށްފަ އެވެ.
ބެޕްކޯއިން ބުނީ ބަހުރެއިންގެ ދާހިލީ ބާޒާރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ކުރިން ރާވާފައިވާ ޕްލޭންތަކުގެ ދަށުން ސަޕްލައި މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފުޅާވުމުގެ ސަބަބުން، ކަނޑުމަގުން މުދާ އުފުލުމަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތައަށްވުރެ މައްޗަށް ވަނީ އުފުލިފަ އެވެ. މިއީ 2022 ވަނަ އަހަރުގެ މެދުތެރެއަށްފަހު ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

އީރާންގެ އާ ސްޕްރީމް ލީޑަރު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި
އަބުބާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ
ހަނގުރާމައިގެ ސަބަބުން ދިމާވާނެ ދަތިތައް ބުނެދޭން ޖެހޭ: ސޯލިހު