"ހުރިހާ" އިން ކުރިޔަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 86 ޕަސެންޓް މީހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ބޭނުން ނުވާ ކަމަށް ބުނެފި އެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުގައި ދިން 1،273 ވޯޓުގެ ތެރެއިން ބަރުލަމާނީ އަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ކަމަށް ލިބުނީ 178 ވޯޓެވެ.
"ހުރިހާ" އިން ފަސް ދުވަހުގެ މުއްދަތަށް ހިޔާލު ހޯދުމުގެ ވޯޓެއް ކުރިޔަށް ގެންދިޔައީ ރާއްޖޭގައި މިހާރު އޮންނަ ރިޔާސީ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ކެމްޕޭނެއް ފެއްޓެވުމާ ގުޅިގެން ކިޔުންތެރިން ދެކޭ ގޮތް ބެލުމުގެ ގޮތުންނެވެ.
ނަޝީދު ބަރުލަމާނީއަށް ކެމްޕޭން ފެއްޓެވުމުގެ ކުރިން ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ވާން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެސްއެމްއެސްއަކުން ދާދިފަހުން ދަންނަވައިފަ އެވެ.
ނަޝީދު ބޭނުންފުޅު ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. ހަމައެހެންމެ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ނުބޭއްވުމަށް ވެސް ނަޝީދުގެ މެސެޖުގައި އެދިވަޑައިގަތެވެ.
މީގެއިތުރުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދާއިރު ރައްޔިތުން މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް ނަޝީދު ހުށަހަޅުއްވާފައިވެ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ހިޔާލު އެކަމާ ތަފާތެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވުމުން، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގަނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރަން އެދޭ ކަމަށް. އިތުރު ނިންމުމެއް މިވަގުތު ނިންމާފައެއް ނެތް،" ރައްޔިތުންގެ ވޯޓަކަށް ދާން ނިންމާފައިވޭތޯ ނޫސްވެރިއަކު ދެންނެވުމުން މަބްރޫކް ވިދާޅުވި އެވެ.
ރައީސް ސޯލިހު ޖަވާބު ދެއްވި ފަހުން ވެސް ނަޝީދާއި އެމަނިކުފާނުގެ އެކުވެރިން ގެންދަނީ ބާރުލަމާނީ ނިޒާމު ގެނައުމަށް ކެމްޕޭންކުރަމުންނެވެ. މިކަމުގައި އިސްކޮށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ.