ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް. ނަމަވެސް މި މުއްދަތު މިހާރު ވަނީ އިތުރުކޮށްފައި.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް މި ސަރުކާރުން ހުޅުވާލި ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހު އެވެ.

ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މި މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ފްލެޓަށް އަދި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު އެޕްރީލް 30 ވަނަ ދުވަހުގެ މެންދަމު 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެ އެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފަ އެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބޭނެ އެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 800 އަށް ވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.