މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއްގެ ފަހަތުގައި އިން 16 އަހަރު ދިވެހި ފިރިހެން ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައި ރޭ ދަންވަރު 1:39 ހާއިރު އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފަހަތުގައި އިނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުޑަ ކުއްޖާ މިއަދު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އޭ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނެތް މީހެއް ކަމަށެވެ.