އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ވަރަށް ނުރައްކާތެރި ކަންތައްތަކެއް ހިނގައިފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އިންޒާރު ދެއްވައިފި އެވެ. އެއާއެކު އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް 10 އާއި 15 ދުވަހާ ދެމެދުގެ މުހުލަތެއް އޭނާ ވަނީ ދެއްވާފަ އެވެ.
މި އިންޒާރާ ގުޅިގެން ތެހެރާނުން ބުނެފައިވަނީ، އީރާނަށް ހަމަލާއެއް ދީފިނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދޭނެ ކަމަށެވެ.
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކޮށް، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ރަނގަޅު ކަމަށެވެ. ނަމަވެސް، އީރާނުން މާނަހުރި އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. ވޮޝިންގްޓަންގައި ބޭއްވި "ބޯޑް އޮފް ޕީސް" ގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ގޯސް ކަންތައްތަކެއް ހިނގާނެ ކަމަށެވެ.
ޖޫން މަހު އެމެރިކާއިން ދިން ވައިގެ ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ހީނަރުކޮށްލާފައި ކަމަށެވެ. އަދި މިކަމުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށްވެސް އޭނާ އިޝާރާތް ކުރެއްވި އެވެ. ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި މިކަމުގެ ތަފްސީލު އެނގިގެންދާނެ ކަމަށާއި، 10 ނުވަތަ 15 ދުވަހަކީ މިކަމަށް ފުދޭވަރުގެ މުހުލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އީރާނުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، އެ ގައުމުން އިސްވެ ހަނގުރާމައެއް ފަށަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް، އީރާނަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ސައްހަ އަމާޒުފަތްތަކެއް ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
ޓްރަމްޕްގެ މި އިންޒާރުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ހަމައެއާއެކު، އީރާނުން އޮމާން ކަނޑުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގައި ރަޝިޔާގެ މަނަވަރެއްވެސް ވަނީ ބައިވެރިވެފަ އެވެ.
އީރާނާއި އެމެރިކާގެ މަންދޫބުން މިދިޔަ އަންގާރަ ދުވަހު ބައްދަލުކޮށްފައިވާއިރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ ބައެއް އަސާސީ އުސޫލުތަކަށް އެއްބަސްވެވިފައިވާ ކަމަށެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނެފައިވަނީ އަދިވެސް ބައެއް މުހިންމު ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެއީ މެދުއިރުމަތީގެ ސުލްހައަށް އޮތް ބޮޑު ހުރަހެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ ނިއުކްލިއާ ބޮމެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ޓްރަމްޕް މިފަދަ ހަރުކަށި އިންޒާރުތަކެއް ދެއްވާފައި މިވަނީ، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ހަމަނުޖެހުންތައް ހައްލުކުރުމަށް އޭނާ އުފެއްދެވި "ބޯޑް އޮފް ޕީސް" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގަ އެވެ. މި ބޯޑަކީ ޓްރަމްޕްގެ އަމިއްލަ ހުށަހެޅުމެއް ނަމަވެސް، ހުޅަނގުގެ ގިނަ ގައުމުތަކުން ބޯޑް އޮފް ޕީސްއަށް ނޫނެކޭ ބުނެފައިވާކަން ފާހަގަކުރެ ވެއެވެ.
ރައްކާތެރިކަމުގެ އަމުރާ ހިލާފުވި މިންވަރު އަންނަނީ އިތުރުވަމުން
އެހެންމީހަކަށް ކުރިމަތިނުލެވޭގޮތް ހެދުމުން ޕީއެންސީއަށް ގޮނޑިއެއް