ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓުގެ ހާލަތުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 154 ގަ އެވެ.

އެއާ ކޮލިޓީ އިންޑެކްސް 151-200 ދެމެދު ހުންނައިރު ނެރޭ ރެޑް އެލާޓުގެ މާނައަކީ ވައިގެ ނުސާފުކަން، އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ.

މާލެ ސަރަހައްދުގެ އިތުރުން މިއަދު ކުޅުދުއްފުށީގައި ވެސް ވައިގެ ކޮލިޓީ ހުރީ 159 ގަ އެވެ. ދ. ކުޑަހުވަދޫގައި ވައި ނުސާފު މިންވަރު 119ގައި ހުރި އިރު، އައްޑޫގައި ހުރީ 110 ގަ އެވެ. އަދި ފުވައްމުލަކުގައި ހުރީ ފުވައްމުލަކުގައި ހުރީ 82 ގައި އެވެ.

އެޗްޕީއޭ އިން މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރައްހައްދަކަށް މިއަދު ދުންފުހުގެ ނުވަތަ ނުސާފު ވައިގެ އަސަރުކުރާނެ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އި އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ހާލަތުގައި ބޭރު ތެރޭގައި އުޅޭ މިންވަރު މަދުކޮށް، ބޭރަށް ނުކުންނަނަމަ މާސްކު އެޅުން މުހިއްމެވެ. ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަންދުކުރުމާއި އަދި ގޭގައި އެއާ ޕިއުރިފަޔާ ބޭނުން ކުރެވިދާނެ އެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުން ފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި ރާއްޖޭގެ ޖައްވު ނުސާފު ވެ އެވެ.