ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްމާއިލް ނަވީން ރިޓަޔާ ކުރެއްވުމާއި ގުޅިގެން، އެ އިދާރާގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފި އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން 31 އަހަރަށްފަހު ރިޓަޔާ ކުރެއްވީ އިއްޔެ އެވެ.

ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ޔުމުނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުންނަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ހިލާފަށް އަމަލުކުރެއްވި ކަމަށް ތުހުމަތު މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ، ސީޕީ ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމައިފަ އެވެ.

ނަމަވެސް އެ ފިޔަވަޅު ތަންފީޒު ކޮށްފައެއް ނުވެއެވެ.