އަވަސްއަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވަމުންދިޔުމަކީ ފުލުހުންގެ އިދާރާގައި ކުރަމުން އަންނަ ދިގު މުއްދަތުގެ އިސްލާހީ މަސައްކަތްތައް ހުއްޓިގެން ގޮސް، އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވެއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން 31 އަހަރަށްފަހު ބުދަ ދުވަހު ރިޓަޔާ ކުރައްވާފައިވާއިރު، ނަވީން އަކީ 2021 ވަނަ އަހަރުގެ މާޗުގައި އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހިދުމަތް ކުރަމުން އަންނަ ތިންވަނަ ކޮމިޝަނަރެވެ. ނަވީންގެ ކުރިން އެ މަގާމުގައި ހުރީ ޝުޖާޢު އެވެ. ނަމަ ވެސް ޝުޖާއު ވެސް ވަނީ މިދިއަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދީފައި އެވެ. ޝުޖާއު އަކީ މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރެވެ. އޭނާ ވެސް އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ހަމީދު އާންމުކުރެއްވި ލިޔުމެއްގައި ވަނީ އެއްވެސް ޕްރޮފެޝަނަލް ހިދުމަތެއްގެ އެންމެ މަތީ މަގާމުގައި ތިބޭ މީހުން އެހާ އަވަހަށް ބަދަލުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ލިޔުއްވާފަ އެވެ.
"ލީޑާޝިޕް ތަކުރާރުކޮށް ބަދަލުވަމުންދާނަމަ، ދިގު މުއްދަތުގެ އިސްލާހީ މަސައްކަތްތައް ހުއްޓުމަކަށް އާދޭ. ސިޔާސަތުތަކުގެ އިސްކަންދޭ ތަރުތީބު ބަދަލުވޭ، ވަގުތު ފާއިތުވަމުންދާ ވަރަކަށް، މީގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލިގެންދޭ،" ހަމީދު ލިޔުއްވި އެވެ.
ފުލުހުންގެ މުއައްސަސާ ހިނގަމުންދަނީ ގައުމީ މަސްލަހަތުގައިތޯ ނުވަތަ ސިޔާސީ މަންފާއަކަށްތޯ އާންމުންގެ މެދުގައި އެ ހިސާބުން ސުވާލު އުފެދޭ ކަމަށް އޭނާ ލިޔުއްވި އެވެ.
ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކާ ދުރުވަމުންދާ ސަރުކާރަކުން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ ސިޔާސީ ވިސްނުން އެއްގޮތް ކޮންޓްރޯލް ކުރެވޭނެ ފަދަ ކޮމިޝަނަރެއް ކަމަށް ހަމީދު ލިޔުއްވި އެވެ. ނަމަވެސް ޑިމޮކްރަޓިކް ފުލުހުންގެ ހިދުމަތަކަށް ބޭނުންވަނީ އެފަދަ ކޮމިޝަނަރެއް ނޫން ކަމަށް ހަމީދު ފާހަގަކުރެއްވި އެވެ.
"ކޮމިޝަނަރަކީ ޕްރޮފެޝަނަލް ގޮތުން ގާބިލު، ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހޭ، އަދި ސިޔާސީ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭ. އެއީ އޭރަކު އޮންނަ ސިޔާސީ ބާރުތަކުގެ ބަދަލުގައި، ގާނޫނުއަސާސީއާއި ގާނޫނަށް ވަފާތެރިވުން ލާޒިމު މަގާމެއް،" ހަމީދު ލިޔުުއްވި އެވެ.
ޕޮލިސް ކޮމިޝަނަރު އައްޔަނުކުރުމުގެ ބާރު އޮންނަނީ ޕޮލިސް ބޯޑަށެވެ. އެ ބޯޑުން އެ ބާރުތައް އަތުލައި ޕޮލިސް ބޯޑު ބަލިކަށި ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ގެންގުޅެމުންދާ ކަމަށް ވެސް ހަމީދު ލިޔުއްވި އެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ދެކުނު ކޮރެއާގެ ކުރީގެ ރައީސް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
ރޭލެއްގެ ތެރޭ ގުރުއާން ކިޔެވި މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށްފި