ޣައްޒާގެ ދެކުނުގައި ކުރިން ހުރި ހަ ބުރީގެ އިމާރާތްތެއް ވިރާނާވެފައިވާއިރު، އުންމީދުގެ ހުޅުކޮޅެއް ފަދައިން ފެންނަން ހުރީ ކުލަކުލައިގެ ލެންޓާންތަކެވެ. އެ ތަކެތި ހޫރެމުން ދަނީ ހަލާކުވެފައިވާ ކޮންކްރީޓްތަކުގެ މަތީގަ އެވެ.

ޚާން ޔޫނިސްގެ އަބޫ ސުފްޔާން އަވަށުގައި، ކުޑަކުދިން ދަނީ ވެއްޓިފައިވާ ފާރުތަކުގެ މަތިން އަރައި، ފޭލިގެތަކާއި އިމާރާތްތަކުގެ ދެމެދުގައި ވަޔަރުތައް ދަމަމުންނެވެ. އެ ކުދިންގެ ބޭނުމަކީ، ގާތްގަނޑަކަށް ދެ އަހަރު ދުވަހަށް ދެމިގެންދިޔަ އިޒްރޭލުގެ ރަހުމުކުޑަ ހަނގުރާމައަށްފަހު އައި ފުރަތަމަ ރަމަޟާން މަހަށް މަގުތައް ޒީނަތްތެރިކުރުމެވެ. މި ހަނގުރާމައިގައި ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ.

އެ ސަރަހައްދުގެ ރައްޔިތުންގެ މި ޒީނަތްތެރިކުރުމަކީ ހަމައެކަނި އާދަކާދައެއް ނޫނެވެ. އެއީ އަލުން ދިރިއުޅުމަކަށް އެނބުރި އައުމަށް ކުރެވޭ ހިތްވަރުގަދަ މަސައްކަތެކެވެ.

އަޅި ކުލައިގެ ތެރެއިން ފެންނަ ކުލަގަދަ މަންޒަރުތައް

ވޭތުވެދިޔަ މަސްތަކުގައި އެ އަވަށުން ފެންނަން އޮތީ ހަމައެކަނި އަޅިއާއި ހިރަފުހެވެ. ނަމަވެސް މިއަދު، "ރަމަޟާން މުބާރަކް" އަދި "މަރުހަބާ މާތް މައްސަރު" ފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައް، ހަނގުރާމައިގެ ނިޝާންތައް ފެންނަން ހުރި ގޯޅިތަކުގައި ވަނީ ދަމާފަ އެވެ.

ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރެއިން ރަތް އަދި ރީނދޫ ކުލައިގެ ބޮކިތަކުގެ އަލި ފެންނަން ހުރެ އެވެ. މި ބޮކިތައް ދިއްލުމަށް ބޭނުންކުރަނީ ކުދި ޖަނަރޭޓަރުތަކެވެ. އެ ތަކެތި ރޭގަނޑު ހިންގަނީ މަދު ގަޑިއިރުތަކަކަށް ކަމަށް ވިޔަސް، އެ މިންވަރު އެ މީހުންނަށް ފުދެ އެވެ.

ގެދޮރު ގެއްލިގެން ޖަހާފައިވާ ފޭލިގެތަކުގެ މެދުގައި ކުޑަކުދިން ދުވެ، ހީސަމާސާކުރަމުން ދަނީ ލެންޓާންތައް ހިފައިގެނެވެ.

"މި އާދަކާދައަކީ ދުވަހަކު ވެސް ހުއްޓުނު ކަމެއް ނޫން،" ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ޔާސިރު އަލް- ސައްތާރީ ބުންޏެވެ. "ކޮންމެ އެއްޗެއް ބިމާ ހަމަވި ކަމުގައި ވިޔަސް މިކަމެއް ނުހުއްޓޭ."

ސައްތާރީގެ ގެދޮރާއި، އަނބިމީހާއާއި، އޭނާގެ އާއިލާގެ ގިނަ މެންބަރުންތަކެއް ހަނގުރާމައިގައި ވަނީ ޝަހީދުވެފަ އެވެ. އެހެން ނަމަވެސް، ރަމަޟާން މަހުގެ ޒީނަތްތެރިކަން ގެނައުމަށް އޭނާ ބާރުއަޅަ އެވެ.

"އަހަރެމެންގެ ދަރިންގެ ކިބައިން ރަމަޟާން މަހުގެ އުފާވެރިކަން ފޭރިގަތުމަށް ފުރުސަތެއް ނުދޭނަން،" އޭނާ ބުންޏެވެ. "އެކުދިންގެ އަތުން މިހާރުވެސް އެތައް ކަމެއް ވަނީ ބީވެގޮސްފައި" އޭނާ ބުންޏެވެ.

ސަލާމަތްވުމުގެ އުއްމީދާ ގުޅިފައިވާ ރަމަޟާން މަހެއް

ޣައްޒާގެ ރައްޔިތުން ވޭތުވެދިޔަ ދެ އަހަރުގެ ރަމަޟާން މަސް ހޭދަކުރަން ޖެހުނީ ބޮން އެޅުމާއި ބަނޑުހައިހޫނުކަމުގެ ތެރޭ ގަ އެވެ. ރޯދަ ވީއްލުމަށާއި ހާރުކެއުމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހޯދުމަކީ އޭރު އާއިލާތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ހުރިހާ އަވަށްތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދިވެސް އެތައް ހާސް ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުގައި ގެއްލިފަ އެވެ. ނަމަވެސް، މިއަހަރުގެ ރަމަޟާން މަހަކީ ހިމޭން މަހަކަށް ވިޔަސް، މިއީ ތަފާތު މާނައެއް އެކުލެވޭ މަހެކެވެ.

"އަހަރެމެން މިތިބީ ސަލާމަތުން. އަހަރެމެން މިކަން ފާހަގަކުރާ ސަބަބަކީ އެއީ،" ސައްތާރީ ބުންޏެވެ.

ޣައްޒާގެ ބޮޑު ބަޔަކަށް އަދިވެސް ކަރަންޓުގެ ޚިދުމަތެއް ނުލިބެ އެވެ. ހަނގުރާމަ ފެށުމާއެކު އިޒްރޭލުން ވަނީ ކަރަންޓުގެ ޚިދުމަތް ކަނޑާލާފަ އެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ އެތެރެކުރުން އިޒްރޭލުން ދަނީ ހިފަހައްޓަމުންނެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމައިގައި 5,000 ކިލޯމީޓަރަށް ވުރެ ގިނަ ކަރަންޓު ނެޓްވޯކާއި 2,000 އަށް ވުރެ ގިނަ ޓްރާންސްފޯމަރު ވަނީ ހަލާކުކޮށްލާފަ އެވެ. މީގެ ސަބަބުން ލިބުނު ގެއްލުން 1.4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެ ވެ އެވެ.

އެހެން ނަމަވެސް، ރޭގަނޑުވުމުން ފޭލިގެތަކާއި ރެނދުލާފައިވާ ފާރުތަކުގެ މަތީގައި ލެންޓާންތަކުގެ ހިތްގައިމު އަލި މިއަދު ފެންނަން ހުރެ އެވެ.

އެ އަލި ފަނޑެވެ. ވަޔަރުތައް ނާޒުކެވެ. މަގުތައް އޮތީ ހަލާކުވެފަ އެވެ. ނަމަވެސް އަބޫ ސުފްޔާން އަވަށުން ދޭ މެސެޖަކީ ސާފު މެސެޖެކެވެ. އެއީ ކޮންމެ ހާލެއްގައި ވެސް އެމީހުން އުފަލާއެކު ރަމަޟާން މަހަށް މަރުހަބާ ކިޔާނެ ކަމެވެ.

އެމެރިކާއިން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އޮކްޓޯބަރު 10 އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މި އުދުވާނުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް، އިޒްރޭލު ސިފައިން ދަނީ އެއްބަސްވުމާ ހިލާފުވެ ހަމަލާތައް ދެމުންނެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި 603 ފަލަސްތީނު މީހުން ޝަހީދުވެ، 1,618 މީހުން ވަނީ ޒަހަމްވެފަ އެވެ.