2026 އަދި 2027 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، އެންމެ ފަހުގެ ޔޫރޯ ފައިނަލްގައި ބައްދަލުކުރި އިންގްލެންޑާއި ސްޕެއިން އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް ހިމެނެނީ ލީގު A3 ގައެވެ. މި ގްރޫޕުގައި ސްޕެއިންގެ އިތުރުން ދެން ހިމެނެނީ ކްރޮއޭޝިއާ އަދި ޗެކް ރިޕަބްލިކެވެ.
މި މުބާރާތުގެ ލީގު A4 ގައި ވޭލްސް ހިމެނިފައިވާއިރު، އެ ޓީމަށް ޖެހިފައިވަނީ ވަރުގަދަ ގްރޫޕެކެވެ. ވޭލްސްއާ އެކު މި ގްރޫޕުގައި ހިމެނެނީ މި މުބާރާތުގެ ކުރީގެ ޗެމްޕިއަން ޕޯޗުގަލްގެ އިތުރުން ޑެންމާކް އަދި ނޯވޭއެވެ. މިއީ ވޭލްސްއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ބެލެވެ އެވެ.
ސްކޮޓްލެންޑް ހިމެނިފައިވަނީ ލީގު B1 ގައެވެ. އެ ޓީމާ ދެކޮޅަށް ނުކުންނާނީ ސްވިޒަލޭންޑް، ސްލޮވީނިއާ އަދި ނޯތު މެސެޑޯނިއާއެވެ. ނޮދަން އަޔަލޭންޑް ލީގު B2 ގައި ހަންގޭރީ، ޖޯޖިއާ އަދި ޔޫކްރެއިންއާ ދެކޮޅަށް ކުޅޭއިރު، ރިޕަބްލިކް އޮފް އަޔަލޭންޑް ލީގު B3 ގައި ބައްދަލުކުރާނީ އިޒްރޭލް، އޮސްޓްރިއާ އަދި ސްވިޑަންއާ އެވެ.
މި މުބާރާތުގެ އެހެން ބައެއް ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ލީގު A1 ގައި ފްރާންސް އާއި އިޓަލީ ބައްދަލުކުރާނެއެވެ. އަދި ލީގު A2 ގައި ޖަރުމަނާއި ނެދަލޭންޑްސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ބާރުތައް އެއް ގްރޫޕެއްގައި ހިމެނިގެންދާ ފޯރިގަދަ މެޗުތަކަކަށް ވާނެ އެވެ.
ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 އިން 26 އަށެވެ. އަދި މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ 9 އިން 13 އަށެވެ. އިންގްލެންޑުން އެ ޓީމުގެ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 26 ގައި އަމިއްލަ ދަނޑުގައި ސްޕެއިންއާ ދެކޮޅަށް ނުކުންނާނެ އެވެ.
އެންޑްކްރިނޮލޮޖީގެ ހިދުމަތް ޓްރީޓޮޕްގެ މާލޭ ކްލިނިކުން
ކުއްޔަށް އުޅޭ ފަރާތަށް ނުދީ ގޭގެ ވެރިފަރާތުން ރޯދަ ހަދިޔާ ނަގަނީ