ފެނަކަ ކޯޕަރޭޝަނާއި އާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށް އެހެން ރަށްތަކަށް ވޯޓުލާން ރީ ރަޖިސްޓްރީވާން މަޖުބޫރުކުރުވަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަބްދުﷲ ވަހީދު އެކްސްގައި ވިދާޅުވީ ފެނަކަ، އާރުޑީސީގަ ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވޯޓް ޔަގީން ކުރުމަށް އެފަރާތްތަކުން މަސައްކަތް ކުރާ ރަށް ނޫން ރަށް ރަށަށް ރީރަޖިސްޓްރީ ކުރުމަށް ދަނީ މަޖުބޫރުކުރުވަމުން ކަމަށެވެ.

ވަހީދު ވިދާޅުވީ ކައުންސިލް އިންތިހާބަށް ސަރުކާރުން ދަނީ އިންތިހާއަށް ނުފޫޒް ފޯރުވަމުން ކަމަށެވެ.

އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ޕީއެންސީއާ ވާދަވެރި ކެންޑިޑޭޓުންނަށް އެ ޕާޓީން މިލިއަނުން ރިޝްވަތު ހުށަހަޅަމުން އަންނަ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ގދ. ތިނަދޫގައި ވެމްކޯގައި މަސައްކަތް ކުރާ ތިން މުވައްޒަފަކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ފޮޓޯއެއް ނެގުމުން ވަނީ ހއ. އިހަވަންދު އާއި ހދ. ކުޅުދުއްފުށީ ވެމްކޯ ސައިޓަށް ބަދަލުވާން އަންގާފަ އެވެ.