އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ދީފިނަމަ، ކައުންސިލްތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ކައުންސިލެއް އުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ދިން އުސޫލުން ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ، ލާމަރުކަޒީ ނިޒާމު މުޅިން ނައްތާލާނެ ކަމަށެވެ.
"މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ،" ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، މި ސަރުކާރަށް ކައުންސިލް މެޖޯރިޓީ ލިބިއްޖެނަމަ ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ވޯޓުލުމުގެ ހައްގުވެސް ގެއްލިގެންދާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ވޯޓުލާން ލިބޭނެ އެންމެ ފަހު ފުރުސަތަށް ވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
"މި ފާހަނގަ އަޅުގަނޑުމެން މި ސަރުކާރަށް އާނއެކޭ ބުނެފިއްޔާ ވަލްހަމްދުލިއްﷲ. މި ގައުމުން ވޯޓުލުމުގެ ހުރިހާ ކަމެއް އެ ދިޔައީ. އެގޮތަކަށް ދޫކޮށްގެނެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވީ އެމްޑީޕީން ކަމަށާއި، ޕީޕީއެމް އަދި ޕީއެންސީގެ ފިކުރުގެ ބޭފުޅުން އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށްވެސް ޣަފޫރު ތުހުމަތު ކުރެއްވި އެވެ.
ޣަފޫރު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށައިފި
ފްރިޖުން ނުބައި ވަސް ދުވަނީތަ؟ މިކަންކަން ކޮށްލާ!