އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، މެދުއިރުމަތި އާ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުނަ ނުދިނުމަށް ތުރުކީން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އުރުދުޣާން މިހެން ވިދާޅުވީ މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި، އޮމާންގައި ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަށް ފަންތީގެ ނިއުކްލިއާ މަޝްވަރާތަކަށްފަހު، އެމެރިކާ އާއި އީރާނުގެ އިސް ލީޑަރުންގެ ފެންވަރުގައި ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިއުމަކީ މި މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް ބޮޑު އެހީތެރި ކަމަކަށް ވާނެ އެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީން ދަނީ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށެވެ.
މި ނުތަނަވަސްކަން ބޮޑުވެފައިވަނީ އީރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ. އެމެރިކާއިން ބާރުއަޅަމުންދަނީ މަޝްވަރާތަކުގައި އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ މައްސަލަ ހިމެނުމަށެވެ.
ނަމަވެސް އީރާނުން ބުނަމުންދަނީ މަޝްވަރާ ކުރެވޭނީ ހަމައެކަނި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކަމަށެވެ. މި ހިޔާލުތަފާތުވުންތަކުގެ ސަބަބުން ދެ ގައުމުން ވެސް ދަނީ އެކަކު އަނެކަކަށް ވައިގެ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިކަމާ މެދު "ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ "ގޯސް ކަންތައްތަކެއް" ހިނގާފާނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މަޝްވަރާތަކުގައި އީރާނުން ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަމާއި އެ ގައުމުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ވެސް ހިމަނަން ޖެހޭނެ ކަމަށެވެ.
ކުރިން މި މަޝްވަރާތައް ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަށް ނިންމާފައި އޮތް ނަމަވެސް، ފަހުން ދެ ގައުމުން ވަނީ މަޝްވަރާތައް އޮމާންގެ މަސްކަޓަށް ބަދަލުކުރުމަށް އެއްބަސްވެފަ އެވެ.
އީރާނުން ބޭނުންވީ ކުރިން ވެސް އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރި އޮމާންގައި މި ބައްދަލުވުން ބޭއްވުމަށެވެ. ނަމަވެސް، މަޝްވަރާ ކުރާނެ ކަންތައްތަކުގެ އެޖެންޑާއާ މެދު އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
މެދުއިރުމަތީގައި އެމެރިކާގެ ސިފައިން އިތުރުކުރަމުންދާއިރު، ސަރަހައްދީ ގައުމުތަކުން ބިރުގަންނަނީ މި ނުތަނަވަސްކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެތީ އެވެ. އިޒްރޭލުން އީރާނަށް ތާއީދުކުރާ ހަމާސް، ހިޒްބުﷲ އަދި ހޫތީންނަށް ދެމުންދާ ހަމަލާތަކާއި، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މަގާމުން ދުރުވުމާ ގުޅިގެން ސަރަހައްދުގައި އީރާނުގެ ނުފޫޒު ވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފަ އެވެ.
ފަތުރުވެރިންތަކަކާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ