ޕެންޝަން އޮފީހުގެ އެހީތެރިކމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ބޯޑު މެންބަރު، މުހައްމަދު މާދިން ލަތީފު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރެއްގެ މަގާމަށް މާދިން އައްޔަނުކުރީ މެއި 13، 2025 ގަ އެވެ.

މާދިން އަކީ މިކަމާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާދެއްވި ފަސް ވަނަ ބޭފުޅާއެވެ.

މީގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމްގެ އިތުރުން އެ ބޯޑުގެ ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށެވެ.