ޓްރާންސްޕޯޓް އޮތޯރިޓީ އުވާލިޔަސް އޭގެ ބަދަލުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތް ކުރާނެ މިނިވަން އޮފީހެއް އުފައްދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓްގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ އެ އޮތޯރިޓީ އުވާލަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ދިރާސާ ވެސް ކުރަމުންނެވެ. އަދި އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމެޓީއަށް ހާޒިރު ވެސް ކުރި އެވެ.
އެ ކޮމިޓީއަށް ހާޒިރުވި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ ވިދާޅުވެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތުގައި ފުށުއެރުން ހުރުމާއެކު ހާއްސަކޮށް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން އަމިއްލައަށް ކަންތައްތައް ނިންމުމުގެ ސަބަބުން މަސައްކަތްތައް ލަސްވެ މިނިސްޓްރީގެ އަމާޒުތަކަށް ވާސިލްވުމަށް ހުރަސް އެޅޭ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގައި އިންތިހާއަށް ކޮރަޕްޝަން އޮތުމުން އެތަން އުވާލައި އެ އޮތޯރިޓީ މިނިސްޓްރީގެ ދަށަށް ގެންދަން ޖެހޭ ކަމަށާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެެއްގޮތަށް ސިޔާސީ ނުފޫޒުން އެއް ކިބާވެފައިވާ ގޮތަށް ފަހުން މިނިވަން މުވައްސަސާއެއް އުފައްދަން ޖެހޭ ކަމަށް ޣަނީ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ ލަފާގެ މަތިން ހިންގާ ބޯޑެކެވެ. ނަމަވެސް މިހާތަނަށް ކަން ހިނގާފައިވަނީ އެހެން ނޫން ކަމަށާއި އެ ބޯޑު ހިންގުމުގައި އަމިއްލަ އެޖެންޑާއެއް އިސްކުރާ ކަމަށް ހަމަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ހައްލު ކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއެކު މަޝްވަރާކުރި އެވެ.
ގިނަ މައްސަލަތަކެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ހުއްޓަސް ހަމަދު ދެކޭގޮތުގައި އެ އޮތޯރިޓީ އުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. ނަމަވެސް ކަން ކުރައްވާނީ ކެބިނެޓުން ނިންމާފައިވާ ގޮތަށް ކަމަށާއި ފާއިތުވި ދެ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީއާއި އޮތޯރިޓީގެ މަސައްކަތްތައް މަޑުޖެހި ކަންކަން ނުވުމުން ކުރިމަތިވި އުނދަގޫތައް ތަހައްމަލުކުރަން މާ އުނދަގޫ ކަމަށް ހަމަދު ވިދާޅުވެފައިވެ އެވެ.
ތިޔާވީ ކިހިނެއް؟ އެއްތަށިން އަނެއް ތައްޓައް އޮއްސާލުންދޯ؟ ހުންނާނީ އެކައްޗެއް ކަންނޭނގެ!