ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވަހީދު އިސްތިއުފާ ދެއްވާފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ އެކު، ގާތް ގުޅުމެއް ބޭއްވިކަން ހާމަވެފައިވަނިކޮށެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން އެނގޭގޮތުން ވަހީދު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު، ރާއްޖެއާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެޕްސްޓީންއާ ހިއްސާކޮށްފަ އެވެ.
އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަހީދު ވަނީ ގިނަ މެއިލްތަކެއް އޭނާ އަށް ފޮނުއްވާފަ އެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެފްސްޓީން ވަހީދަށް މެއިލްއެއް ފޮނުވި އެވެ. އަދި އެޕްސްޓީންގެ އަތުން ބައެއް ކަންކަމަށް ފަންޑު ހޯދުމަށް ވެސް ވަހީދު މަސައްކަތް ކުރެއްވި އެވެ.
މިކަން ހާމަވެ، މީހުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޕްސްޓީންއާއެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އެއްވެސް ކުށެއްގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އޭނާއާއެކު ބޭއްވީ ރަސްމީ ގުޅުމެއްކަމަށްވެސް ވަނީ ބަޔާނުގައި ބުނެފަ އެވެ.
ވަހީދުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެޕްސްޓީންއާ ބައްދަލު ކުރީ ރާއްޖެއަށް މާލީ އެހީ ހޯދޭނެ މަގެއް ތަނަވަސް ކުރަން ކަމަށެވެ. އެޕްސްޓީންގެ ލަފާ ހޯދި ނަމަވެސް އޭނާއާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ހިނގާފައިނުވާ ކަމަށް ވެސް ވަހީދު ވިދާޅުވެފައިވެ އެވެ.
އެ މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދާއި އެޕްސްޓީންގެ ގުޅުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެހެންވެ، މިއީ އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުކޮށް، ޖަލަށް ލައި އެތައް މަހެއް ވަންދެން ބަންދުގައި ހުރުމަށް ފަހު ދޫކޮށްލި ފަހުން ބޭއްވި ގުޅުމެއްކަން ކަށަވަރުވެ އެވެ.
ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ރާއްޖޭގެ ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް އެޕްސްޓީންއާ ގުޅިގެން ކުރިއަށް ގެންދަވަން ވަހީދު އުޅުއްވިކަން ވެސް މެއިލްތަކުން ހާމަވެ އެވެ. އަދި އެކަމާ ގުޅޭ ފީޒިބިލިޓީ ރިޕޯޓެއް ހަދައި ހިއްސާކުރައްވާފައިވެ އެވެ.
ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ
އެކްސްކަވޭޓަރު އޮޕަރޭޓްކުރީ ބަލަންވާވަރަށް ނުބަލައި: ފުލުހުން
ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ބާއްވަން ޕާޓީތަކުން ދެކޮޅު