ސްކޭމްތަކުގައި މިދިޔަ މަހު މިލިއަނަކަށް ވުރެ ރުފިޔާ ގެއްލިފައިވާއިރު، އަނބުރާ ހޯދުނީ ޖުމުލަ 630،319.15 ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކުރި ސްކޭމްގެ ހިސާބުތަކުން އެނގޭ ގޮތުގައި، 189 މައްސަލައެއްގައި ފައިސާ ގެއްލިގެން ވަނީ ހުށަހަޅާފަ އެވެ.
އެ މައްސަލަތަކުގައި 1.7 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އަނބުރާ ހޯދުނީ 630،319.15 އެވެ. ފުލުހުން ބުނި ގޮތުގައި، އެ މައްސަލަތަކުގެ ތެރެއިން އެއްކޮށް ފައިސާ ހޯދުނީ، 52 މީހުންނެވެ. އެގާރަ މީހުންގެ ހޯދައިދެވުނީ، ގެއްލުނު ފައިސާއިން ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެންމެ ގިނަ މީހުން ފުލުހުންނަށް ރިޕޯޓުކުރީ، އީކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެ ބާވަތުގެ 109 މައްސަލަ ހުށަހަޅާފައިވާއިރު، ޑޮލަރު މާރު ކުރުމުގެ ސްކޭމްގައި 36މީހަކު މިދިޔަ މަހު ޖެހުނެވެ.
އޭގެއިތުރަށް، މީހެއްގެ ފަރާތުން ކަމަށް ހެދިގެން އޮޅުވާލައިގެން 17 މީހެއްގެ އަތުން މަކަރާއި ހީލަތުން މިދިޔަ މަހު ސްކޭމަރުން ވަނީ ފައިސާ ހޯދާފައެވެ.
އެ މައްސަލަތަކުގައި ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި، ފޯނު ކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓުފޯމުތަކާއި ފިޝިން ލިންކުތަކާއި ފޭސްބުކް މާކެޓު ޕްލޭސް ހިމެނޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އެހެންވެ، ފުލުހުން ވަނީ، އެ ފަދަ ސްކޭމަރުންނަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި، މީހުންގެ ހަމްދަރުދީ ހޯދައިގެން ސްކޭމްގައި ޖައްސާ މީހުން ވެސް މިހާރު މަދެއް ނޫނެވެ. އެ ބާވަތުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. މިގޮތުން، ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމް ކުރުން އިތުރުވާތީ، އެ ކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ އިލްތިމާސްކޮށްފަ އެވެ.
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
އެކްސްކަވޭޓަރު އޮޕަރޭޓްކުރީ ބަލަންވާވަރަށް ނުބަލައި: ފުލުހުން
އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީއާ ދެކޮޅަށް ކައުސިލް ރައީސްކަމަށް