ރާއްޖޭގެ ރައްޔިތުންނަކީ މުށި ބުދުތަކެކޭ ހީފުޅުކުރައްވައިގެން ހިތުހުރި ގޮތެއް ހެދިދާނެ ކަމަށް ހީފުޅުނުކުރެއްވުމަށާއި އެއްގޮތަކަށް ވެސް ތިޔަ ބޭފުޅުން ހީކުރައްވާ ގޮތަށް ކަން ކުރެއްވިއްޔަ ނުދީ މި ސަރުކާރު ބަލިކޮށްލާނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރައީސް މުހައްމަދު މުއިއްޒަށް އިންޒާރު ދެއްވައިފި އެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދެފުށްފެންނަ ގޮތަކަށް ބާއްވާ ފަހު އިންތިޚާބަށް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޒުވާނުން ވެރިކަން ކުރާ ޕީއެންސީއާ ދެކޮޅަށް ވޯޓުލާން ގޮވާލައްވާފަ އެވެ.
ޝާހިދު ވިދާޅުވީ، ޕީޕީއެމަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް އަތުލައި، ޚުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށް ކަމަށެވެ. އެގޮތުން، ކޮންމެ ދިމާލަކަށް ބަލައި، މިންކުރިޔަސް ފެންނަނީ، މަރުކަޒު ކުރުމާއި ރައްޔިތުން އަތުން ބާރުތައް އަތުލާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝާހިދު ވިދާޅުވީ، މިހާރު ރާއްޖެ މި އޮތީ ޒުވާނުންގެ އަތް މަތީގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ރާއްޖޭގެ ކަންކަން މިހާރު މިސްރާބު ޖަހާފައި ހުރީ ސަރުކާރުން ބޭނުންވާ ގޮތަށް ރިމޯޓަށް ފިތުމުން ކަން ހިނގާ ގޮތަށެވެ.
މީގެ އިތުރުން ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހަކީ، ރައީސް އޮފީހުން ހިންގާ ޑިޕާޓުމަންޓަކަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެއީ، އެ ތަނުގައި ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް ނޫނީ ވާހަކަ ނުދެއްކޭތީ ކަމަށާއި އެ މަނިކުފާނާ ދެކޮޅަށް ވާހަކަދައްކަވާ މެންބަރަކު ވިއްޔާ ހުންނަނީ ބިރުވެރިކަމަަކަށް ވައްޓާލާފައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ސަރުކާރުން މަޖިލީހުގެ އަނގަ މަތީގައި މަލަން އަޅާލީ، މަޖިލީހުގެ މެންބަރުން އަދާކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ގޮތަށް ކަމަށް ޝާހިދު ތުހުމަތުކުރެއްވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް ދީގެން ނުވާނެ ކަމަށެވެ.
"މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން ބޭނުންވަނީ ހީފުޅުނުކުރައްވައްޗޭ ރާއްޖޭގެ ރައްޔިތުންނަކީ މުށި ބުދުތަކެކޭ. ހިތުހުރި ގޮތެއް ހެދިދާނެޔޭ. އެއްގޮތަކަށް ތިޔަ ބޭފުޅުން ހީކުރައްވާ ގޮތަށް ކަން ކުރެއްވިއްޔަ ނުދޭނަން. އަޅުގަނޑުމެން މި ސަރުކާރު ބަލިކޮށްލާނަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ގައުމުގެ ހައްގުގައި މި ކުރާ މަސައްކަތް އެ ޕާޓީން އެންމެ އިންޗެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮތީ އަންނަ އޭޕްރީލް ހަތަރެއްގައެވެ. އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަށަވަރުކޮށްފައިވާއިރު، ދެ ޕާޓީން އަންނަނީ ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ.
އީފާސް މެދުވެރިކޮށް ތާއީދު ހޯދާ މައްސަލަ ބަލައެއް ނުގަތް
މެއި/ޖޫން ގައި އޭލެވެލް ހަދަން ފުރުސަތު ދޭން ނިންމައިފި
100ރ. ގެ ނޫޓުގެ އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި