މެއި, ޖޫންގައި އޭލެވެލް، އެޑެކްސެލް ހަދަން ފަށަން އެދި ދަރިވަރުންތަކެއް ޕެޓިޝަނެއް ފުރަނިކޮށް، އަމިއްލަ ގޮތުން ޓެސްޓު ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ދޭން ނިންމައިފައިވާ ކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ދެހާސް ނަވާރައަށް ފަހުގައި، މެއި، ޖޫންގައި އެޑެކްސެލް އޭލެވެލް ހެދުން ވަނީ ނިންމާލާފަ އެވެ. އެގޮތުން، މިހާރު ރާއްޖޭގައި އޭލެވެލް ހަދަނީ، ހަމައެކަނި އޮކްޓޫބަރު، ނޮވެންބަރުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރަށް ރާއްޖޭގައި، މެއި، ޖޫންގައި އޭލެވެލް ނުހަދާތާ ފަސް އަހަރު ވަނީ ފުރިފަ އެވެ.

ބައެއް ދަރިވަރުން ވަނީ، އަހަރަކު އެންމެ ފަހަރަކު އިމްތިހާނު ބޭއްވުމަކީ ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ކުދިން ވަނީ މެއި، ޖޫންގައި ވެސް އިމްތިހާނު ބާއްވައިދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭ ލެވެލް އެޑެކްސެލް މާއްދާތަކުުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މި އަހަރުން ފެށިގެން މޭ/ ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބާއްވަން ނިންމާފައިވާ ކަމަށެެވެ.

ބަޔާނުގައިވާ ގޮތުން އެ އިމްތިހާނާ ބެހޭ މައުލޫމާތު އަންނަ ބުދަ ދުވަހުން ފެށިގެން ޕަބްލިކް އެގްޒެމިނޭޝަން ޑިޕާޓުމަންޓުން އާއްމުކުރަމުން ގެންދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މޭ/ ޖޫންގައި އޭލެވެލް އެޑެކްސެލް އިމްތިހާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެ އިން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ހަރަދަށް އެކަނި ވެސް އެވްރެޖްކޮށް 30،000ރ. އަށް ވުރެ ގިނަ ފައިސާ ހަރަދުވާކަން ތަފާސްހިސާބުތަކުން އެ މިނިސްޓްރީއަށް ވަނީ އެނގިފަ އެވެ.

މިނިސްޓްރީން ބުނީ، އެޑެކްސެލް މެއި، ޖޫން ފެށި ނަމަވެސް، ސުކޫލު ދަރިވަރުންނަށް އޭލެވެލް އިމްތިހާނު އޮންނާނީ އޮކްޓޫބަރު، ނޮވެންބަރުގައި ކަމަށެވެ.

ދަރިވަރުންގެ ޕެޓިޝަންގައި ވަނީ، އަހަރަކު އެއް ފަހަރު އޭ ލެވެލް އިމްތިހާނު ބޭއްވުމުން ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ، އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެ ނަމަ، އަލުން އިމްތިހާނު ހަދައިގެން ނަތީޖާ ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބުން ކަމަށެވެ.

އޭ ލެވެލް ގަދަ 10 އެއް ހޮވައި، ސްކޮލާޝިޕްތައް ކަނޑައަޅާއިރު، ދަށްވި ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގައި އެ ފުރުސަތު ލިބެނީ އަހަރެއް ފަހުންނެވެ. މީގެ ސަބަބުން ގިނަ ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް ގެއްލި، ބޭކާރު ވަގުތުތަކެއް ހޭދަވާކަން ދަރިވަރުން ފާހަގަކުރެ އެވެ.

ދަރިވަރުން ބުނާ ގޮތުގައި، އަހަރަކު އެންމެ ފަހަރަކު އިމްތިހާނު ބޭއްވުމަކީ ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

ރާއްޖޭގައި މިހާރު އޮތް ގޮތުން، ގްރޭޑް 11 ގެ ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ނަމަ، ގްރޭޑް 12 ގެ މާއްދާތަކާއެކު އެއްފަހަރާ ގިނަ އިމްތިހާނުތަކެއްގައި ބައިވެރިވާން ޖެހެ އެވެ. މީގެ ސަބަބުން ކިޔެވުމަށް ލިބޭ ވަގުތު މަދުވެ، ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި އުނގެނުމުގެ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހޭ ކަމަށް ދަރިވަރުން ބުނެ އެވެ.

ދަރިވަރުން އަންނަނީ ޕެޓިޝަން މޭ ޖޫން އަށް ބަދަލުކޮށްފިނަމަ ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެ، ޕާސް ޕަސެންޓޭޖް އިތުރުވެގެން ދާނެ ކަމަށް ބުނަމުންނެެވެ.