ހޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތަކަކާއެކު މިއުޒިކީ ދާއިރާގެ އެންމެ ކުލަގަދަ ހަފްލާ ކަމަށްވާ ގްރެމީ އެވޯޑްސްގެ މިއަހަރުގެ ހަފްލާ ބާއްވައިފި އެވެ.

އިއްޔެ ހެނދުނު ކުރިއަށްދިޔަ އެ ހަފްލާގައި މިއުޒިކް ދާއިރާއިން ފާހަގަ ކޮށްލެވޭ ގިނަ ތަރިންތައް ފެނުނުއިރު މިދިޔަ އަހަރު ތެރޭގައި އެ ތަރިން ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވެސް ވަޒަން ކުރެވުނެވެ.

މަޝްހޫރު ކޮމީޑިއަން ޓްރެވާ ނޯހް ހުށައަޅައިދިން 68 ވަނަ ގްރެމީ އެވޯޑުގައި އެވޯޑް ލިބުނު ތަރިންގެ ތެރޭގައި ބިލީ އައިލިޝް، ލޭޑީ ގާގާ އަދި ކެންޑްރިކް ލާމާ ފަދަ ތަރިން ހިމެނެ އެވެ.

އެގޮތުން ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ސޯންގް އޮފް ދަ އިޔާ" ހާސިލް ކޮށްފައިވަނީ ބިލީ އައިލިޝްގެ "ވައިލްޑް ފްލާވާ" އެވެ.

އޭގެ އިތުރުން ބެސްޓް ޕޮޕް އަލްބަމްގެ އެވޯޑް ލޭޑީ ގާގާ ހޯދިއިރު ބެސްޓް ރެޕް އަލްބަމްގެ އެވޯޑް ގެންދިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ ކެންޑްރިކް ލާމާ އެވެ.

ގްރެމީގެ އެވޯޑްތަކުގެ އިތުރުން އެ ހަފްލާގެ ތެރެއިން ފެނިގެންދިޔަ ހުށައެޅުންތަކަކީ ވެސް ފާހަގަކޮށްލެވޭ ހުށައެޅުންތަކެކެވެ. އެގޮތުން ސެބްރީނާ ކާޕެންޓާގެ ހުށައެޅުން ގިނަ ބަޔަކު ފާހަގަކުރި އެވެ.

މި އަހަރުގެ އެވޯޑް ހަފްލާތައް ފަށާފައިވާއިރު ގްރެމީ އެވޯޑްސްގެ ކުރިން ގޯލްޑަން ގްލޯބް އެވޯޑްސް ހަފްލާ ވެސް ވަނީ ދާދި ފަހުން ބާއްވާފަ އެވެ.