ޚާލިދު ހަސަން އެމްއޭ އަލް- ޙަމާދީގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ އާ ސީއީއޯއަކަށް ޝާޑީ ގަވަސްމީ ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ގަތަރުގެ ކުންފުނިން މިއަދު ބުނީ ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށެވެ. އަދި ގަވަސްމީ އުރީދޫ ގްރޫޕުގައި މަސައްކަތްކުރަން ފަށާފައި ވަނީ 2015 ވަނަ އަހަރު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ގަވަސްމީ ވަނީ އިސް ރޯލެއް އަދާކޮށްފައިވާ ކަމަށް ވެސް އުރީދޫން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި އުރީދޫގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯދާފަ އެވެ. އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދިނުމުގެ މައްސައްކަތްތައް ކޮށްފައިވާކަން އުރީދޫން ފާހަގަކުރެ އެވެ.
ތައުލީމީ ގޮތުން ބަލާއިރު، ގަވަސްމީ ވަނީ ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރުމުގެ އިތުރުން އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވާސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ކަމަށް އެ ކުންފިން ބުނެ އެވެ.
ކަސްރަތު ކުރުމުގެ ކުރިން ކެއުން ގެންގުޅެންވީ ކިހިނެއް؟
ކުޑަކުދިން ހައިޟުވާ އުމުރު އަވަސްވަނީ މިހެންވެ!