ފައިސާ ޗާޕުކޮށް ބަދަލުގެ ގޮތުގައި ސަރުކާރާ ގާތްގުޅުން އޮންނަ ފަރާތްތަކަށް ބަހަމުންދާ ބެހުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ސެމްބެ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ އަދަވަޅުން އަދިވެސް އަރައި ނުގަނެވޭ ކަމަށާއި އަދި މި ޙާލަތުގައި މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އާންމު ރައްޔިތުންގެ ވަޒީފާ ގެއްލި، ގެދޮރު ގެއްލި، މަސްވެރިން ބާނާ މަސް ވެސް ނުކިރި ފައިސާ ނުލިބުމުގެ ސަބަބުން ނިކަމެތިވެފައިވާ އޭނާ ކަމަށެވެ.
"މިފަދަ ދަތި ޙާލަތެއްގައި ކުރިއަށް އޮތް އެއް އަހަރު ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމާފައިވާއިރު، ބަދަލުގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ދިނުމަށް ދަނީ ނިންމަމުން. އަދި އެގޮތަށް ފައިސާ ދޫކުރަމުން އަންނަނީ، ކޯޓުގެ ނިހާއީ ޙުކުމެއް ނެތި،" ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓު ކޮމިޓީން ކޯޓުން ބޭރުން ކަމަށާއި، އެ ނިންމުންތައް ނިންމަނީ އެއްވެސް މިންވަރެއްގެ ބެލުމެއް ނެތި ކަމުގައިވެސް ސެންބެ ވިދާޅުވި އެވެ.
މި މައްސަލައިގައި ވަނީ ޢާއްމު ރައްޔިތުން ވަރަށް ނިކަމެތި ޙާލަތުގައި ތިއްބާ އެތައް މިލިއަން ރުފިޔާއެއް ބަދަލުގެ ގޮތުގައި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ނަގައިދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާތީ އާއި، ރައްޔިތުންގެ ފައިސާއަކީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުން ކުރަންޖެހޭ ފައިސާ ކަމަށްވާތީ، ފައިސާ ޗާޕުކޮށްގެން ސަރުކާރާ ގުޅުންހުރި ފަރާތްތަކަށް ފައިސާ ބެހުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
މިމައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. 29 މެމްބަރުން ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ.
ފައިސާ ޗާޕުކޮށްގެން ބަދަލުގެ ގޮތުގައި ފައިސާ ބެހުން ހުއްޓުވުމަށް މައްސަލައެއް ވެއްދިއިރު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް އިބްރާއަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފަ އެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވީ އެއްކޮޅުން އުމުރު ދުވަހު އުޅުނު ވަޒީފާއިން ވަކިވާއިރު ލިބެމުން އައި ޕެންޝަންތައް ކަނޑާލާއި ބަޖެޓު މެނޭޖް ނުކުރެވިގެން އޮވާޑްރާފްޓްގެ މުއްދަތު އިތުރު ކުރަނީ ކަމަށާއި އަދި އަނެއްކޮޅުން ބޮޑުންގެ ތިމާގެ މީހުންނަށް މިލިއަނުން ބަދަލުދެނީ ކަމަށެވެ. އަދި މިއީ އިންސާފުތޯ އުޝާމް ސުވާލުކުރެއްވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތު މީހާ އަނގަޔާއި އަތާ ދިމާނުވާ އިރު ބޮޑުންނަށް މިލިއަނުން ފައިސާ ބަހަނީ ކަމަށެވެ.
ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ގެންދަވަނީ ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައިދެމުންނެވެ.