ފުލުހުންގެ އިސްތިއުނާފު ކޮމެޓީ އެކުލަވާލައި، އެ ކޮމެޓީއަށް ފަސް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީއިން ބުނީ ދާދިފަހުން އަމަލު ކުރަން ފަށާފައިވާ ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އިސްތިއުނާފު ކޮމެޓީ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އެކުލަވާލާފައިވާ ކަމަށެވެ. އެ ކޮމެޓީގައި ހިމެނޭ އެ ފަސް ބޭފުޅުންނަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު ސޯދިގާއި، އަޒްމީން ރަޝީދާއި، ފާޠިމަތު ލީނާ އާއި، މިންނާ ނާފިޒުގެ އިތުރުން އަހުމަދު ޝިހާދު ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ރައީސް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގަ އެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެ އެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާއި މެދު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި، އާންމުންގެ ތެރެއިން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، އެ ގާނޫނަށް އަމަލުކުރަން ފަށާތާ މަސްދުވަހެއްގެ ތެރޭ އެކުލަވައިލަން ޖެހެ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ ކުރީކޮޅު ޕޮލިސް ބޯޑު ވަނީ އެކުލަވާލައްވައިފަ އެވެ.
ފުލުހުންގެ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު އުފެއްދި ޕޮލިސް ބޯޑަށް އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ ބޯޑުގެ ރައީސް ކަމަށް އިންތިހާބުކުރި އަލީ ފާއިޒު އާއި ބޯޑުގެ ނައިބް ރައީސް ފަޔާޒުގެ އިތުރުން އާއިޝަތު ނޫރާ މުހައްމަދު، އަހުމަދު ނާޝިދު، އާދަމް އިބްރާހީމް، ހާމިދު އަބްދުލް ޣަފޫރު އަދި ސަފާ ޝަރީފެވެ.
ކޮމިޓީތައް ގިނަވެގެން ގޮސް އިހަށް ކުރަންވީ ކަމެއް ފަހުން ކުރަންވީ ކަމެއް ނޭނގި ކުރަމުންއައި މަސައްކަތްތައް ވެސް ހުއްޓި މުއައްސަސާތައް ވަނީ މާޔޫސް.