މޮރޮކޯގައި މިހާރު ކުރިއަށް ދާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ މުބާރާތަށް މޮރޮކޯ އަށް ދިޔަ ސެނެގޯލްގެ ގައުމީ ފުޓްބޯޅަ ޓީމާ މެދު އެ ގައުމުން ކަންކުރަމުން ގެންދާ ގޮތާ މެދު ސެނެގޯލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިފަހަރު މުބާރާތް އޮތީ މޮރޮކޯގައި އެވެ. މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު މޮރޮކޯ އާއި ސެނެގޯލް އެވެ.

މި މެޗުގެ ކުރިން ނެރުނު ބަޔާނެއްގައި ސެނެގޯލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމާ މެދު މޮރޮކޯގައި އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ކަން ހިނގަމުންދަނީ އާންމުކޮށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޓީމުތަކާ މެދު ކަންކުރާ އުސޫލުން ނޫން ކަމަށް ބުނެ ސީރިއަސް ޝަކުވާތަކެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

އެފްއެސްއެފް ގެ ނަމުން މަޝްހޫރުވެފައިވާ އެ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނީ މޮރޮކޯގެ ރަބާތަށް ސެނެގޯލްގެ ގައުމީ ޓީމު ދިޔައިރު، ސަލާމަތީ ކަންކަން ވެސް ހަމަޖައްސާފައި ނުވާކަމަށާއި ޓީމު ތިބޭނެ ތަނުގެ މައްސަލަތަކާއި، ތަމްރީނު ކުރާނެ ވަސީލަތްތަކުގެ ދަތިކަން ވެސް ވަރަށް ބޮޑުކަމަށެވެ. އަދި ސެނެގާލްގެ ސަޕޯޓަރުންނަށް ޓިކެޓް ހޯދުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ސެނެގޯލް ފުޓުބޯޅް ފެޑެރޭޝަނުން ބުންޏެވެ.

އެ ފެޑެރޭޝަނުން ވަނީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) އާއި މުބާރާތް އިންތިޒާމުކުރާ ލޯކަލް ކޮމިޓީއަށް، "ފެއާ ޕްލޭގެ އުސޫލުތަކާއި، ހަމަހަމަކަމާއި، އަދި އެފްރިކާގެ ފުޓްބޯޅައިގެ މި ބޮޑު އީދު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން އިސްލާހީ ފިޔަވަޅުތައް އެޅުމަށް" ގޮވާލާފަ އެވެ.

ހުކުރު ދުވަހު ސެނެގާލްގެ ކުޅުންތެރިން ޓެންޖިއާ އިން ރަބާތަށް ރޭލުގައި ދަތުރުކުރިއިރު، އެ ގައުމަށް ދެވުނުއިރު "އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނެތްކަން ސާފުކޮށް އެނގެން އޮތް" ކަމަށް ފެޑެރޭޝަނުގެ ބަޔާނުބައި ބުނެފައިވެ އެވެ.

"މި އިހުމާލުގެ ސަބަބުން ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުންނަށް މީހުން ގިނަވެ ބާރުބޮޑުވުމުގެ ކުރިމަތިލާން ޖެހުނު. މިއީ މިފަދަ ބޮޑު މުބާރާތެއްގެ ފެންވަރާއި ބައްރުގެ ފައިނަލެއްގެ ޝަރަފާ އެކަށީގެންވާ ކަމެއް ނޫން،" ފެޑެރޭޝަނުން ބުންޏެވެ.

ފެޑެރޭޝަނުން ބުނި ގޮތުގައި، ރަބާތަށް ދިއުމަށްފަހު ޓީމު ތިބޭނެ އެކަށީގެންވާ ހޮޓަލެއް ހޯދުމަށްޓަކައި ރަސްމީކޮށް ލިޔުމުން ޝަކުވާ ހުށަހަޅަން ޖެހުނެވެ. ނަމަވެސް، އެންމެ ފުރަތަމަ ޓީމަށް ހުށަހެޅި ތަނުގެ ހާލަތާ ބެހޭ ތަފްސީލެއް ދީފައެއް ނުވެ އެވެ.

މޮރޮކޯ ޓީމުން މުޅި މުބާރާތުގައި ބޭނުންކުރަމުން އައި ކޮމްޕްލެކްސްގައި ސެނެގާލްގެ ތަމްރީނުތައް ބޭއްވުމަށް ކެފް އިން އެންގި އެންގުމަށް "ސާފުކޮށް އިންކާރުކުރާ" ކަމަށްވެސް ފެޑެރޭޝަނުން ވަނީ އަންގާފައެވެ. މޮރޮކޯ އިން ވެސް ހޮނިހިރު ދުވަހު ތަމްރީނު ކުރާނީ އެތަނުގަ އެވެ.

ފެޑެރޭޝަނުން ބުނީ މިއީ "ކުޅިވަރުގެ އިންސާފާ މެދު ސުވާލު އުފެދޭ ކަމެއް" ކަމަށާއި، ސެނެގާލް ޓީމަށް ތަމްރީނު ކުރެވޭނީ ކޮންތާކުކަން އަދިވެސް އަންގާފައި ނުވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ މީޑިއާ ހަރަކާތްތަކުގެ އެޖެންޑާގައި ވެސް، ސެނެގާލްގެ ތަމްރީނުތައް ބާއްވާނެ ތަނެއް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ޓިކެޓްގެ މައްސަލައަކީ ވެސް "ކަންބޮޑުވާ" ކަމެއް ކަމަށް ފެޑެރޭޝަނުން ބުންޏެވެ. ކެފް އިން ކަނޑައަޅާފައިވާ އެންމެ މަތީ މިންވަރަކީ 2،850 ޓިކެޓް ކަމަށްވާއިރު، ސެނެގާލްގެ ސަޕޯޓަރުންނަށް ގަނެވުނީ އެ އަދަދަށް ވުރެ މަދު ޓިކެޓެވެ.

ފެޑެރޭޝަނުން ބުނީ މިއީ "ބޭނުންވާ މިންވަރަށް ބަލާއިރު އެކަށީގެންވާ އަދަދެއް ނޫން" ކަމަށާއި، އަދި އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ސެނެގާލްގެ އާންމުންނަށް ގެއްލުންވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

ފައިނަލް މެޗު ބާއްވާ ޕްރިންސް މޫލޭ އަބްދުﷲ ސްޓޭޑިއަމްގެ ޖާގައަކީ 69،500 އެވެ. މޮރޮކޯ އިން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ފައިނަލްގައި ވެސް މިކަން ތަފާތުވާނެ ކަމަކަށް ނުބެލެވެއެވެ.

މޮރޮކޯ އިން މަސައްކަތް ކުރަމުންދަނީ 50 އަހަރުގެ އިންތިޒާރަކަށްފަހު އެ ގައުމުގެ ދެވަނަ އެފްރިކާ ކަޕް ތަށި ހޯދުމަށެވެ. 2021 ވަނަ އަހަރުގެ ތަށި ކާމިޔާބުކުރި ސެނެގާލުން ވެސް އަމާޒު ހިފާފައިވަނީ އެ ގައުމުގެ ދެވަނަ ތަށި ހޯދުމަށެވެ.

މި ޝަކުވާތައް ކަންބޮޑުވުންތަކެއްގެ ގޮތުގައި ހުށަހަޅަން ނިންމީ ދެފުށް ފެންނަ އިންސާފުވެރިގޮތެއްގައި ކަންކަން ކުރުމަށާއި ސެނެގާލް ގައުމީ ޓީމުގެ ހައްގުތައް ދިފާއުކުރުމަށްޓަކައި ކަމަށް ފެޑެރޭޝަނުން ބުންޏެވެ.