ރިޔާދު (25 އޭޕްރިލް) - ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި މާތް ވެގެންވާ ހަރަމްފުޅަށް 1.5 މިލިއަން މީހުން އަޅުކަން ކުރަން ޖަމާވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އުމްރާވެރިންނާއި އެހެނިހެން އަޅުކަންތަކުގައި ޝާމިލްވުމަށް ހަރަމްފުޅަށް ވަނުމުގެ ފުރުސަތު ސައުދީ އަރަބިޔާގައި ދިރިއުޅޭ މުސްލިމުންނަށް ހުޅުވާލާފައިވާއިރު ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހަރަމްފުޅުގައި ހަމަޖެހިފައި ވެ އެވެ.
ކައުބާ ވަށައިގެން ތަވާފު ކުރެވޭނެ ޖާގަ އިތުރުކޮށް އިޖުތިމާއީ ގައިދުރުކަން އިތުރުކޮށް، އަޅުކަން ކުރެވޭނެ މަގު ފަހިވެފައި އޮންނައިރު ހަރަމްފުޅުގެ ސާފުތާހިރުކަން ޔަގީންކުރަން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. މިސަބަބުތަކަށްޓަކައި ހަރަމްފުޅުގެ ތެރެއިން ކޮވިޑް ފެތުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ.
ހަރަމްފުޅަށް ވަނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިންނެވެ. މި އެޕްލިކޭޝަނުން އަޅުކަން ކުރާ މީހުންނަށް ހަރަމްފުޅަށް ވަނުމަށްޓަކައި ވަކި ވަގުތެއް ހަމަޖެހޭއިރު އެ މީހުން ވާންވާނީ ވެކްސިން ފުރިހަމަކޮށް މާސްކް ބޭނުންކުރާ ފަރާތްތަކަށެވެ.
މި އަހަރު ހަރަމްފުޅުގައި އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ހާއްސަ ހުއްދައެއް ދެވޭނެ ކަމަށާއި އެހުއްދައާ ނުލައި ހަރަމްފުޅަށް ވަންނަން މަސައްކަތްކުރާ ނަމަ 2666 އެމެރިކާ ޑޮލަރުން ޖޫރިނަމާ ކުރެވޭނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. --އަލް އަރަބިއްޔާ