މަޝްހޫރު ވިޔަފާރިވެރިވާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހުރިހާ މުވައްޒަފުންނަށް ވެސް ޑޮލަރުން މުސާރަ ދޭން އެ ކުންފުނިން ފަށައިފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ، ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ދަށުން ޖުމްލަ ތިން ހާހަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުންޏަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އޯނަރުންނަށް ނިސްބަތްވާ އެންމެ ބޮޑު ކުންފުންޏެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ވެސް އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ދެމުން އަންނަނީ ސީދާ ޑޮލަރުންނެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރު، ރިސޯޓު މަސައްކަތްތެރިންނަށް ވަރަށް ބޮޑެތި ސާވިސް ޗާޖު ދޭ ރިސޯޓުތައް ވެސް އެބަހުއްޓެވެ.

އެ ކުންފުނިން ކުރިން މުސާރަ ދެމުން އައީ ރުފިޔާއިންނެވެ. މިދިޔަ އަހަރު އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، އާމްދަނީ ޑޮލަރުން ވަންނަ ކުންފުނިތަކަށް މުވައްޒަފުންގެ މުސާރަ ވެސް ޑޮލަރުގެ ދިނުމުގެ ފުރުސަތު އޮވެ އެވެ.

މި ބަދަލު އެގޮތަށް ގެންނަން ނިންމީ، ގާނޫނުތަކާއި ގަވައިދުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން ރާއްޖޭގެ އޯނަރުންނަށް ނިސްބަތްވާ އެންމެ ބޮޑު އެ ކުންފުނީގެ ދަށުން ހިންގާ 11 ރިސޯޓުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް، ހުރަވަޅި، ކަގި މޯލްޑިވްސް، ވެލިގަނޑު، ނަލަ މޯލްޑިވްސް، ޖަވަކަރައިގެ އިތުރުން މީރު މޯލްޑިވްސް އާއި ކޮމަންޑޫ އާއި ވިލަމެދޫ އާއި ކުރެއްދޫ އައިލެންޑް އެންޑް ސްޕާ ހިމެނެ އެވެ.

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، އާމްދަނީގެ ވަކި ޕަސެންޓެއް މަރުކަޒީ ބޭންކަން ޖަމާކުރަންޖެހޭހެން ގާނޫނު ތަސްދީގުކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މިިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ގާނޫނަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

ފުރަތަމަ މި ކަން ކުރަން ގަވައިދެއް އެކުލަވައިލުމުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ އެ ކުންފުނިތަކުގައި ހިފެހެއްޓޭ ޑޮލަރު މަދުވެ، މުވައްޒަފުންނަށް ޑޮލަރުން މުސާރަދޭން ވެސް ދަތިވެދާނެތީއެވެ. ނަމަވެސް މިހާރު މި ގަވައިދަށް އަމަލުކުރަމުން އަންނަތާ އަހަރެއް ވަނީ ވެފަ އެވެ.