ދިވެހިންގެ ތެރޭގައި އޮންނަ ރޯދަމަހާ ގުޅުންހުރި އާދަތަކާއި ސަގާފަތްތަކުގެ ތެރެއިން ވެސް އާއިލާގެ އެންމެން އެކުވެ ބާއްވާ އަހަރުގެ އާއިލީ ބޮޑު ރޯދަ ވީއްލުމަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ.
އެ ރަށެއްގައި ތިބި ގާތް އަދި ދުރުތާ ތިމާގެ ހުރިހާ އެންމެންނަށް ދައުވަތު ދީގެން ބާއްވާ މި ރޯދަވީއްލުމަކީ ރޯދަމަހުގެ ރޫހު އާލާވެ، އާއިލީ ގުޅުންތައް ބަދަހިވާ ކަމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ތިބި އާއިލާގެ މެމްބަރުންނާ އެއް ތަނަކުން ބައްދަލުވެ ފެނިދެނިވެލަން ލިބޭ ފުރުސަތެކެވެ.
އަހަރުމެންގެ ތެރޭގައި އާއިލީ ރޯދަވީއްލުމަށް ދެވިފައި އޮތް މުހިއްމުކަން ހާމަ ކޮށްދޭ އެއްކަމަކީ މި ރޯދަވީއްލުން އޮންނަ ދުވަހަށް ހާއްސަކޮށް ރަށުގައި ނޫޅޭ އާއިލާގެ މެމްބަރުން ދަތުރުމަތި ހަދައިގެން ރޯދަވިއްލުން އޮންނަ ތަނަކަށް ދާ ދިއުމެވެ. އެންމެން އެކީ ހޭދަކޮށްލަން ލިބޭ ވަގުތުކޮޅު ނަގާލަން ބޭނުން ނުވާތީ އެވެ. ހަތް ކަނޑު ހުރަސް ކޮށްވިޔަސް އެ ދުވަހު އެތަނުގައި ހުންނަން ބޭނުންވާތީ އެވެ.
ދެން އޮތީ ބޮޑު ރޯދަވީއްލުމަށް ތައްޔާރުވުމެވެ. ރޯދަމަސް ފެށުނީއްސުރެ އާއިލާ ތެރޭގައި ރޯދް ވީއްލުމުގެ ވާހަކަ އަންނާނީ ދެކެވެމުންނެވެ. ބާއްވާނެ ތަނަކާއި ގޭގައި ބާއްވާނަމަ ތައްޔާރު ކުރާނެ ތަކެއްޗަށް ދަންދެން އޮންނަނީ މާކުރިން ނިމިފަ އެވެ.
ދުވަސް އައިސް ޖެހުމުން ޖޯޝާއި ފޯރި އިތުރުވެ އެވެ. އަންހެންވެރިން ހެނދުނު ހެނދުނާ ބަދިގެއަށް ވަދެ ރޯދަ ވީއްލުން ތައްޔާރު ކުރުމުގައި މަސްއޫލުވެ އުޅޭއިރު ފިރިހެނުން ވެސް އަތްގާތް ކޮށްދީ އެ ފޯރީގައި ބައިވެރިވެ އެވެ. ނުވަތަ ކައިރީގައި ތިބެ އަންހެންވެރިންގެ މުނިފޫހި ފިލުވުމަށް މަޖާ ނަގަ އެވެ.
މި ފާއިތުވަނީ ވެސް ރޯދަމަހެކެވެ. ގިނަ އާއިލާތަކުގައި ބޮޑު ރޯދަވީއްލުމުގެ ވާހަކަތައް ދެކެވި ރޭވެމުން ދާނެކަން ޔަގީނެވެ. ނަމަވެސް މިއަހަރަކީ އެހެން އަހަރުތަކާ ތަފާތު އަހަރެއްކަން ރޯދަ ވީއްލުން ރޭވުމުގައި ވެސް ވިސްނަން ޖެހެ އެވެ. އާ އާއްމު ހާލަތުގައި ރައްކާތެރި ކަމާއެކު މި ކަންކަން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދޭން ޖެހެ އެވެ.