ސްޓެލްކޯގެ އެމްޑީގެ މަގާމުން މިއަދު ވަކި ކުރި އަހުމަދު ސަމާހު ރަޝީދުގެ ލީކްވި އޯޑިއޯގައި ބުނާ އަޒްހަދު ރަމީޒު ސްޓެލްކޯގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން ދުރުކޮށްފި އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށް މިފްކޯގެ ސީއީއޯގެ މަގާމުން ވަކި ކުރި، ރައީސް މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ސަމާހު ރަޝީދު މިއަދުގެ ވަގުތެއްގައި ސްޓެލްކޯގެ އެމްޑީ ކަމުންވެސް ވަނީ ވަކިކޮށްފަ އެވެ.

އޭނާ ވަކިކުރި ހަބަރާއިއެކު ސަމާހުކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލައިފަ އެވެ. އޯޑިއޯގައި ސަމާހު ސްޓެލްކޯއިން ވައްކަން ކުރަން ރާވާފައިވާ ވަރު ހާމަކުރަމުން ބުނީ، އޭނާ ކުރި ކަންކަން އެނގޭ ނަމަ "އެމީހުން" ނޯށުން ރޯނެ ކަމަށެވެ.

އަދި އޭނާ ކުރާ އެފަދަ ކަންކަން އެނގޭނީ އެންމެ ދެމީހުނަށް ކަމަށްވެސް ވަރަށް ފަހުރުވެރިކަމާއެކު އޯޑިއޯގައި ބުނާ އަޑު އިވެ އެވެ. އެއީ އަޒްހަދު އަދި ސާއިދު ކަމަށް ބުނެފައި ވެ އެވެ.

އަޒްހަދު މިހާރު ސްޓެލްކޯގެ ޕްރޮކިއުމެންޓުގެ ހެޑްގެ މަގާމުން ވަނީ ދުރުކޮށްފަ އެވެ. ނަމަވެސް އޭނާ ސްޓެލްކޯއިން ވަކި ނުކުރެ އެވެ. ސަމާހު އޯޑިއޯގައި ބުނާ ސާއިދު އަކީ ކުރިން މިފްކޯއަށްވެސް ސަމާހު ވެއްދި މީހެއްކަން ވަނީ އެނގިފަ އެވެ. ސަމާހުއަށް ސްޓެލްކޯގެ އެމްޑީކަން ލިބުމާއެކު އޭނާވަނީ ސްޓެލްކޯގެ އިސް މަގާމަކަށް މިދިޔަ މަހު ބަދަލުވެފައި ކަމަށް މައުލޫމާތު އެނގޭ މީހަކު "ހުރިހާ" އަށް ކިޔާދީފައި ވެއެވެ.

ސަމާހު ކުރިން މިފްކޯއިން ވައްކަން ކުރުމުން ކުރި ވައްކަން ފޮރުވުމަށްފަހު، ރައީސް މުއިއްޒު ވަނީ އޭނާ އަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަލުން ވަނީ ސަމާހުއަށް ސްޓެލްކޯގެ އެމްޑީކަން ދީފަ އެވެ.

އެފަދަ ހުރިހާ ތުހުމަތުތައް ސަރުކާރުން ތަހުގީގު ކުރުމެއް ނެތި ކޮރަޕްޓް މީހުންނަށް އިތުރު މަގާމުތައް ދިނުމަކީ ރައީސް މުއިއްޒުވެސް މިފަދަ ކޮރަޕްޝަންތަކުގައި ބައިވެރިވުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.