ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ފްރެންޗައިސް ރެސްޓޯރަންޓް މެރީބުރައުންގެ ސާފުތާހިރުކަން ކުޑަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން އެތަނުން އެންމެ ގިނައިން ވިއްކާ ތެލުލި ކުކުޅު ތައްޔާރު ކުރުމުގެ މަސައްކަތް މުވައްޒަފަކު ކުރަމުން ދިޔައިރު، އަންގި ނުލައްވާ ހުސްއަތުން ކާތަކެތީގައި އަތްލަ އެވެ. އަދި އޭނާ ހުރިހާ ކަމެއްވެސް ކުރަމުންދިޔައީ އަންގި ބޭނުން ނުކޮށެވެ.

މި ވީޑިއޯއާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މެރީބުރައުންއަށް ފާޑު ކިޔާފަ އެވެ. އެގޮތުން ރައްކާތެރި ގޮތުގައި ކާނާ ތައްޔާރުކުރުމަށް އަންގި ބޭނުން ކުރުމުގެ ބަދަލުގައި އަންގި ނުގަނެ ފައިސާ ސަލާމަތްކުރަނީ ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އެ ވީޑިއޯއަށް މީހަކު ކޮށްފައިވާ އިތުރު ކޮމެންޓެއްގައި ބުނީ ރާއްޖޭގެ ވަރަށް ގިނަ ރެސްޓޯރަންޓް ތަކުގެ ބަދިގެ ތެރެއާއި ކާނާ ތައްޔާރުކުރާ ސަރަހައްދު ސާފުތާހިރުކަމެއް ނެތި ބޭނުން ކުރާ ކަމަށެވެ. ނަމަވެސް މިކަންކަން ހުއްޓުވަން އިދާރާތަކުން ނުކުޅެދިފައިވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރާއްޖޭގައި އާއްމުކޮށް ހޮޓާ ރެސްޓޯރަންޓް ތަކުގައި ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަން ކުޑަކަމުގެ ޝަކުވާ ފެންމަތި ވެއެވެ. ނަމަވެސް ކަމާގުޅޭ އިދާރާތަކުން އެންމެ އެދެވޭ ގޮތެއްގައި ކަންކަން މޮނިޓަރ ނުކުރާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.