ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން "އަލިމަގު" ގެ ދަށުން، ހާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ކުރިއަށްދާއިރު އެ އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.
އަދި މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި، ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
އޮޕަރޭޝަން އަލިމަގުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، 2025 ނޮވެމްބަރު 13އިން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، މި އޮޕަރޭޝަނުގެ ތެރެއިން، ރާއްޖެތެރެ 39 ރަށަކަށް އަމާޒުކޮށް، 166 ތަނެއް ބަލާފާސްކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން، 193 ފަރާތެއް ހައްޔަރުކުރެވިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، 186 ފިރިހެނުންނާއި، 7 އަންހެނުންކަމަށް ވިދާޅުވި އެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، 9 އުޅަނދު ބަލާފާސްކޮށްފައިވާއިރު، 1 ކަނޑުމަތީ އުޅަނދު ވަނީ ބަލާފާސްކޮށްފައިކަމަށް ފާތިހު ވިދާޅުވިއެވެ. ފާތިހު ވިދާޅުވީ 182 ބަނގުރަލުގެ ތަކެތި އަދި މަތުވާތަކެތީގެ 30.63 ކިލޯގެ މަސްތުވާތަކެތި އަތުލައިގެނިފައިވާކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، 71 މައްސަލައެއް ލޮޖްކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން، 34 ކޭސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
"ޕްރިޒަވޭޓިވްސް"އިން ކެންސަރަށް މަގުފަހިވޭ: ދިރާސާ
ވެދާންގްއާއި ހުޝީގެ ގުޅުން ނިމުމަކަށް!
ގއ. އަތޮޅާއި މާލޭގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ހިންގަނީ