މާބަނޑު ދުވަސްވަރު ކަނޑުމަހާއި ފަރުމަސް ކެއުމުގައި ހިމަނާނަމަ އުފަންވާ ދަރިންގެ ވިސްނުން ރަނގަޅުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ގިނަ އަހަރުތަކެއްގެ ހޯދުންތަކާއެކު އެކުލަވާލާފައިވާ އެ ދިރާސާގައި ކަނޑުމަހާއި ފަރުމަސް ކެއުމުގައި ހިމަނާފައިވާ މައިންގެ ދަރިންނާއި އެ ނޫން މައިންގެ ދަރިންގެ ނަތީޖާތައް އަޅާކިޔާފައިވެ އެވެ.

އެގޮތުން މާބަނޑުއިރު ކެއުމުގައި މަހުގެ ބާވަތްތައް ހިމެނި މައިންގެ ދަރިންގެ ބަހަވީ ހުނަރާއި ހަނދާން ގަދަވުމާއި އިޖުތިމާއީ ގުޅުންތައް މާ ރަނގަޅު ކަމަށް ފާހަގަ ކުރެވިފައިވެ އެވެ.

ސައިންސްވެރިން ވިދާޅުވާ ގޮތުގައި މިއީ ކަނޑުމަހާއި ފަރުމަހުގައި ގިނަ އަދަދަކަށް އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑްސްގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމުގައި އެހީވެދޭތީ އަންނަ ބަދަލެކެވެ.

އެއާއެކު ޚިޔާރު ކުރެވޭ މަހުގެ ބާވަތްތަކުން ވެސް ދަރިފުޅުގެ ވިސްނުމަށް ކުރާ އަސަރު ތަފާތުވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެގޮތުން ގިނަ އަދަދަކަށް މާކިއުރީ އެކުލެވޭ މަސްތަކުން ސިކުނޑީގެ ހެދިބޮޑުވުމަށް ހުރަސް އަޅާއިރު މާކިއުރީ މަދު އަދި އޮމެގާ 3 މުއްސަނދި މަސްތަކަކީ އެންމެ ރައްކާތެރި ބާވަތްތައް ކަމަށް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެން ކަމުން މާބަނޑު ދުވަސްވަރު މެދު މިންވަރަކަށް ކަނޑުމަހާއި ފަރުމަސް ބޭނުން ކުރަން ސިއްހީ މާހިރުން ލަފާދެ އެވެ. އެހެން ނަމަވެސް އެކަމުގައި ވެސް ހައްދެއް ގެންގުޅެން ޖެހޭކަން އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.