ނިމިދިއަ ޑިސެމްބަރު މަހަކީ ސްކޭމްގެ މައްސަލަތައް ބޮޑު މަހެއް ކަމަށާއި އެ މަހު އެކަނިވެސް 179 ސްކޭމް މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިއަ ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު، އެ ސްކޭމް ތަކުގައި އެއް މިލިއަނަށްވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން އެއްކޮށް ފައިސާ ރިކަވާ ކުރެވުނީ 89 މައްސަލައެއްގައި ކަމަށާއި 45 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ރިކަވާ ކުރެވުނު ކަމަށް އެ ސެންޓަރުން ބުންޏެެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ގިނައިން ސްކޭމް ހިންގީ އީކޮމާސް މެދުވެރިކޮށެވެ. އެފަދަ 80 މައްސަލައެއް އެ ސެންޓަރަށް ރިޕޯޓުކުރި އެވެ. އަދި އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައަކާއި ފައިސާ މާރު ކުރުމުގެ ނަމުގައި ފައިސާ ހޯދި 31 މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްތަކުގެ 16 މައްސަލައެއްގެ އިތުރުން 16 އިތުރު މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ އެ މައްސަލަތަކުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު ކަމަށެވެ. އަދި މިދިޔަ މަހުގެ ތެރޭގައި 4 މިލިއަަނަށް ވުރެ ގިނަ ރުފިޔާ ރިކަވާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނޮވެމްބަރު މަހުގެ ތެރޭގައި ގެއްލިގެން ރިޕޯޓުކުރި ގިނަ އަދަދެއްގެ ފައިސާ ހިމެނެ އެވެ.

ސްކޭމް މައްސަލަތައް އިތުރުވާތީ އާންމުން ހޭލުންތެރިކުރުމަށް ވެސް އެ ސެންޓަރުން ދަނީ ސޯޝަލް މީޑިއާގަައި ހޭލުންތެރިކުރަން މަސައްކަތް ކުރަމުންނެވެ. އަދި ޝައްކު ކުރެވޭ ލިންކްތަކަށް ނުހުޅުވުމަށާއި ފައިސާގެ މުއާމަލާތް ކުރުމުގެ ކުރިން އެއީ ކާކުކަން ޔަގީން ކުރުމާއި ވިޔަފާރިއެއްނަމަ ވިޔަފާރި އެކައުންޓުތޯ ކަށަވަރު ކުރުމަށް ވެސް ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށް އެ ސެންޓަރުން އިލްތިމާސްކުރެ އެވެ.

އެ ސެންޓަރުން ވަނީ ފައިސާއަށް އެދި މެސެޖްކޮށްފިނަމަ ގުޅައި، ޔަގީން ކުރުމަށާއި އަދި އެކައުންޓް ނަންބަރަކީ އެފަރާތުގެ އެކައުންޓުތޯ ޔަގީން ކުރުން ފަދަ ކަންކަމާއި ފައިސާ މާރުކުރާ ނަމަ، އެމްއެމްއޭ ލައިސެންސް އޮންނަ ވިޔަފާރިއެއްތޯ ބެލުމަށް ވެސް ސަމާލުކަން ދިނުމަށް އެދިފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ބޭއްވި ޕްރެސް ބްރީފިންއެއްގައި ހެޑް އޮފް އެންޓި ސްކޭމް ސެންޓާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެފައިވަނީ އެ ސެންޓަރު ގާއިމްކުރި ފަހުން ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި، ސްކޭމްތަކުގެ ތެރެއިން ގެއްލުނު ފައިސާގެ 37 ޕަސެންޓު އަނބުރާ ހޯދާފައިވާ ކަމަށެވެ. އެއީ ސްކޭމްތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި އެހެން ގައުމުތަކާ އަަޅާ ބަލާއިރު ރަނގަޅު ކާމިޔާބީއެއް ކަމަށް ނަވީދު ވިދާޅުވެފައިވެ އެވެ.