ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބަށް ރައީސް އޮފީހުން 31،000ރ.ގެ އެލަވަންސްއެއް ދޭކަން އެނގިއްޖެ އެވެ.

އެނގިފައިވާގޮތުގައި ޝަކީބަށް ލިބޭ މުސާރައިގެ އިތުރުން ޕީއެސްއެމް އިން އޭނާއަށް ދޭ އެލަވަންސްއާއެކު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 70،000ރ. ލިބިވަޑައިގަންނަވަ އެވެ.

މިފަދަ އެލަވަންސްއެއް ދިނުމަކީ ޕީއެސްއެމްގެ ގާނޫނު ތަންދޭ ކަމެއް ނޫނެވެ.

މިއީ ގާނޫނާ ހިލާފު ކަމެއްކަން ޕީއެސްއެމްގެ ގާނޫނުގެ ހަ ވަނަ މާއްދާ އިން ސާފުކޮށް އެނގެ އެވެ.

ޕީއެސްއެމްގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޕަބްލިކް ސާވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ވަނީ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސާވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ވަނީ ޕަބްލިކް ސާވިސް މީޑިއާގެ ވަކި މުވައްޒަފެއްގެ މަސައްކަތުގެ މައްޗަކަށްވެސް، ނުވަތަ ޕަބްލިކް ސާވިސް މީޑިއާގެ ވަކި މަސައްކަތެއް ނުވަތަ ވަކި ހަރަކާތެއްގެ މައްޗަކަށްވެސް މި ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވައި، އަމުރެއްކޮށް، ނުވަތަ ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ރ) ގައި ވަނީ ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސާވިސް މީޑިއާއިން ހިންގައިގެން ނުވާނެ ކަމަށެވެ.

ޕީއެސްއެމް އިން އިދިކޮޅު ފަރާތްތަކުގެ ހަބަރުތައް އެއްވެސްގޮތަކަށް ނުގެނެސްދެ އެވެ. ހަމައެކަނި ކުރާ ކަމަކީ ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓް ކުރުމެވެ.