ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް، އެ ރަށުގެ ކައުންސިލް އުވާލައި، އެ އަތޮޅު ހަނިމާދޫ ކައުންސިލަށް ވޯޓުލާން ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ ކަމަށް، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ތުހުމަތުކުރައްވައިފި އެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޣަފޫރު ވިދާޅުވީ ހަނިމާދުއަށް ބަދަލުނުކޮށް އެ ރަށު ރައްޔިތުންގެ ގޮތުގައި ހިރިމަރަދޫ ރައްޔިތުން ކަނޑައަޅައި، ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާފައިވާ ކަމަށެވެ.
"ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަޑައަޅާ، އެރައްޔިތުން ހަނިމާދޫ ރައްޔިތުންގެގޮތުގާ ވޯޓުލާން ނިންމާ ނިންމުމަކީ ގާނޫނުއަސާސީއާއި، ލާމަރުކަޒީގާނޫނާއި ކަޑައެޅިގެން ހިލާފުކަމެއް،" ޢަބްދުލްޣަފޫރު ވިދާޅުވި އެވެ.
ނަމަވެސް ހިރިމަރަދޫގެ ކައުންސިލަރު އަޙްމަދު ޝަރީފް ވިދާޅުވިގޮތުގައި ރަސްމީކޮށް މިފަދަ މައުލޫމާތެއް ނުލިބޭ ކަމަށާއި، އެކަމަކު އެ ވާހަކަ ތުންތުންމަތިން ދެކެވޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، އެންމެ 589 މީހުންގެ އާބާދީއެއް އޮންނަ ހިރިމަރަދޫގެ ގިނަ ބަޔަކު ވަނީ އެ ރަށް ދޫކޮށް ހިޖުރަކޮށްފަ އެވެ. އެހެެންވެ އެ ރަށުގައި އުޅެނީ އެންމެ 200 އެއްހާ މީހުންނެވެ.
ހިރިމަރަދޫގެ ރައްޔިތުންނާ ރައީސް މުހައްމަދު މުއިއްޒު އޮގަސްޓު މަހު ބައްދަލުކުރެއްވި ޖަލްސާގައި ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވަނީ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައެވެ.
އޭގެ ފަހުން އެ ރަށުގައި "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ގާއިމު ކުރުމަށް "ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ 4.1 މިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.
ވޯލްޑް ކަޕް 2026ގެ ލޯގޯ އިން ރަމްޒުކޮށްދެނީ ކޮން ކަމެއް!؟
ކާރު އެކްސިޑެންޓެއްގައި ނޯރާއަށް އަނިޔާ ވެއްޖެ
އާ ޓާމިނަލް އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި